ތޫފާން ބިޕާޖޯއީ އެރި އިންޑިއާގެ ގުޖުރާތުން ކަރަންޓު ކެނޑި 2 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މިކަމުގެ ސަބަބުން އެސަރަޙައްދުގެ 10 އަވަށެއްގެ ރައްޔިތުން މިހާރު ތިބީ އަނދިރީގައި ކަމަށް އެން.ޑީ.ޓީވީން ބުނެއެވެ.
އިންޑިޔާއާއި ޕާކިސްތާނުގެ އައްސޭރި ފަށަށް އަދިވެސް ދަނީ ބޯކޮށް ވިއްސާރަ ކުރަމުންނެވެ. ތޫފާން އެރި ސަރަޙައްދިތަކުގެ ގެތަކުގެ ފުރާޅުތައް ވަޔާ ވިއްސާލައި، މަގުތަކުގައި ޖަހާފައިވާ ދަގަނޑު ހޮޅިތަކާއި ގަސްތައް ވަނީ މުލުން ލުހެލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ މި ދެ، ދަނޑުވެރީން މަރުވެފައި ވަނީ ބޯވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އެމީހުންގެ ކަންބަޅިތައް އޮޔާ ދާންފެށުމުން އެތަކެތި ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ޚަބަރުލިބެއެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓުމެންޓް (އައި.އެމް.ޑީ.) އިން އެންމެ ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޑިއާ އާއި ޕާކިސްތާނުގެ އެއްގަމުގެ ސަރަޙައްދު ތަކަށް ތޫފާން އެރި އިރު އެ ތޫފާނުގެ ވައިގެ ބާރުމިންވަނީ ގަޑިއަކު 105 ކިލޯމީޓަރާއި، 85 ކިލޯމީޓަރާއި ދެމެދަށް ދަށްވެފައެވެ.
އަދި އޭގެ، މަދު ގަޑީރުތަކެއް ފަހުން ވައިޖެހޭ މިންވަރު 78 ކިލޯމީޓަރަށް ދަށްވެ މިތޫފާން މިހާރު ވަނީ ނަގޫރޯޅިއެއްގެ ދަރަޖައަށް ބަދަލުވެފައި ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއްވައެވެ.
ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭ ވެހި އެސަރަޙައްދުގެ ރާޅުތައް ބޮޑުވެފައި ވާތީ ދެ ޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުން 180،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރެވިފައެވެ.
ޕާކިސްތާނުގެ މީޓިއޮރޮލޮޖީ ޑިޕާޓްމެންޓްގެ އޮފިޝަލުންނާއި ޙަވާލާ ދެއްވާ އަލްޖަޒީރާއިން ބުނެފައި ވަނީ މިހާރުވެސް ބާރު ދަށްވެފައިވާ މި ތޫފާން އިތުރަށް ބާރު ދަށްވާނެ ކަމަށް ލަފާކުރެވެއެވެ. އެހެނަސް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ޕާކިސްތާނުގެ އައްސޭރިފަށުގެ ސަރަޙައްދު ތަކަށް ބޯކޮށް ވިއްސާރަކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ފާއިތުވި އަހަރު ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައިގައި ފެންބޮޑުވެ 1700 މީހުން މަރުވި ޙާދިސާ ހިނގި ސަރަޙައްދު ތަކަށް ވެސް މިތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ. ދެޤައުމުން 625،000 (ހަސަތޭކަ ފަންސަވީސް ހާސް) އަށްވުރެ ގިނަ ކުޑަކުދިންނަށް މި ތޫފާނުގެ އަސަރު ކުރާނެކަމަށް ޔުނިސެފުން ވަނީ ލަފާކޮށްފައެވެ.

