ޔުގެންޑާގެ ހުޅަނގެ ސެކަންޑަރީ ސްކޫލަކަށް ޙަމަލާދީ މަދުވެގެން 25 މީހުން މަރާލައިފިއެވެ. ހުކުރު ދުވަހު ދިން މިޙަމަލާގެ ސަބަބުން އިތުރު 8 މީހަކު އަދިވެސް ތިބީ ނުރައްކާތެރި ޙާލަތެއްގައި ކަން ހާމަކޮށްފައި ވަނީ، ހޮނިހިރު ދުވަހު އެޤައުމުގެ ފުލުހުން ނެރުނު ބަޔާނެއްގައެވެ.
ކޮންގޯގެ މްޕަންގވޯ ޓައުންގެ ސްކޫލަކަށް މިޙަމަލާ ދީފައި ވަނީ އިދިކޮޅު ޖަމާޢަތެއް ކަމަށްވާ އެލައިޑް ޑިމޮކްރެޓިކް ފޯސަސް (އޭ.ޑީ.އެފް.) އިން ކަމަށް ފުލުހުން ދަނީ ބުނަމުންނެވެ.
ޙަމަލާ ދިން މީހުން ސްކޫލުގެ ދަރިވަރުން ނިދުމަށް ބޭނުންކުރާ ހޯލެއް އަންދާލައި އެތަން ލޫޓުވައި ސްކޫލުން ކާބޯތަކެތި ގެންގޮސްފައި ވާކަމަށް ވެސް ފުލުހުން ގެ ބަޔާނުގައި ވެއެވެ.
ޙަމަލާދިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށްވިދާޅުވެ، ފުލުހުންގެ ތަރުޖަމާނު ފްރެޑް އެނަންގާ ވަނީ މިޙަމަލާގައި ގެއްލުންވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ސީ.އެން.އެން. އިން ރިޕޯޓުކޮށްފައި ވާގޮތުގައި މިޙަމާލާގައި 26 ދަރިވަރަކު ވަނީ މަރުވެފައެވެ. އަދި ހަނގުރާމަވެރިން ވަނީ އިތުރު 6 ކުއްޖަކު ވަގަށްވެސް ނަގާފައެވެ. މި ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ ދަރިވަރުންގެ ޢަދަދު އަދި ކަށަވަރު ނުވާކަމަށް ވޮޝިންގޓަން ޕޯސްޓުން ވަނީ ބުނެފައެވެ.
އޭ.ޑީ.އެފް. އަކީ ޔުގެންޑާއިން ކޮންގޯއަށް އަރުވާލާފައިވާ އެޤައުމުގެ ރައްޔިތުން، ޔުގެންޑާގެ ސަރުކާރު ވައްޓާލުމަށް، އުފައްދާފައިވާ ޖަމާޢަތެކެވެ.
މިޖަމާޢަތުން ހަނގުރާމައިގައި ކުޑަކުދިން ބައިވެރިކުރާ ކަމަށާއި، ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގާފައި ވާކަމަށް 2020 ގައި އދ އިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވެސް ވަނީ މިޖަމާޢަތަކީ އައި.އެސް. އާއި ގުޅުން އޮންނަ ޓެރަރިސްޓް ޖަމާޢަތެއްކަމަށް 2021 ވަނަ އަހަރުގައި ކަނޑައަޅާފައެވެ.

