ޕްލާސްޓިކް ކުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކަށް ދިމާވާ ނޭދެވޭ އަސަރުކަތުން ރާއްޖެ ސަލާމަތްކޮށް ރައްކާތެރިކުރުމަށް ޕާލޭ މޯލްޑިވްސްއިންއިން އަންނަނީ ނުހަނު ގިނަ ކެމްޕެއިންތަކާއި މަސައްކަތްތައް ކުރަމުންނެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން މިއަދު ބާއްވަމުން އަންނަ ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކުން މުވަސަސާތަކާއި، އަމިއްލަ ޖަމިއްޔާތަކުންނާއި ސުކޫލްތަކުންވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބާރު އެޅުން ކަމަށް ޕާލޭ އިން ބުނެ އެވެ. ރާއްޖޭގެ ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައިގެން މަސައްކަތްކުރުމަށް ބާރުއަޅައި، ހިތްވަރު ދިނުމަކީ ވެސް މި ހަރަކާތުގެ މަގުސަދެއް ކަމަށް ޕާލޭ އިން ބުންޏެވެ.
"މޯލްޑިވްސް ފޯ ދި އޯޝަންސް" އަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ އާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި މަޓީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިއަދު ހަވީރު 18:00 މި ހަރަކާތް ކުރިއަށް ގެންދަންވަނީ ނިންމާފައެވެ. އެގޮތުން މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ކުރިއަށް ގެންދާ މި ހަރަކާތްތަކާއި ގުޅިގެން ކަނޑުތަކާއި ގުޅޭ މައުލޫމާތު ލިއްބައިދޭ ހުށަހެޅުންތަކާއި އިންޓަވިޔު އަދި އެކި ރަށްރަށުގެ މަންޒަރުތައް ޓީވީއެމްއިން އަންނަނީ ވަގުތުން ދަށްކަމުންނެވެ.
"އޯޝަން ޕްލެޖު" އިގުރާރުގައި ސޮއިކުރެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން ލިބޭ ނަފާ ކަމަށްވާއިރު، މުސްތަގުބަލަށްޓަކައި މި ނިއުމަތް ރައްކާތެރިކުރެވޭނީ ތިމާވެށި ހިމާޔަތްކުރުމަށް މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
ޕާލޭއިން ވަނީ 2015 އިން ފެށިގެން މިހާތަނަށް 2,109,310 ކިލޯގެ ޕްލާސްޓިކް ކުނި އެއްކޮށް ރިސައިކަލް ކޮށްފަ އެވެ.

