އަކުރުތަކުގެ އަހުލުވެރީންނޭ އަޅުގަނޑު މިކިޔަނީ، ޖިންސު ބަދަލުކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި މިފަދަ މިފަދަ ކަންކަމަށް ގޮވާލާ މީހުންނަށެވެ. މިފަދައިން އެމީހުންނަށް މުޚާޠަބު ކުރުމަކީ، އެމީހުންގެ ގުރޫޕުގެ އަކުރުތަކުގެ “ބާރު” ގަދަކަމުން ކުރާ ކަމަކަށް ބެއްލެވިއަސް ނުވަތަ އެކަމަށް ނުރުހެވޭ ވަރުން ކުރާ ކަމަކަށް ބެއްލެވިއަސް ފަރުވާލެއް ނެތެވެ.
މިގުރޫޕުގެ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެއް ނޫނޭ ވަރަށް ގިނަ މީހުން ބުނެއެވެ. މިވެނި ބަޔަކު ސެންސަރު ކޮށްފާނެއެވެ. ނޫނީ މަނާ ކޮށްފާނެއެވެ. ނޫނީ ޕޯސްޓް ކުރިމީހާ ވެސް ކެންސަލް ކޮށްފާނެއެވެ. މިއީ ހައްތަހާވެސް އެވާހަކަދެއްކުން ހުއްޓުވުމަށް ކުރާ ކަންކަމެވެ.
ދަންނަވަން ތޯއެވެ. އެމީހުންގެ ވާހަކަ ދެއްކުމުގައި ފާހަގަކުރެވިފައި ހުރީ އެމީހުން އެކަންކަމަށް ބޭނުންކުރާ ލަފްޒުތަކާއި، އަކުރުތަކާއި، ކުލަތަކާއި، ފާހަގަތަކެވެ. އެހެނަސް، އެއިން އެއްވެސް އެއްޗެއް ބޭނުން ނުކޮށްވެސް އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެވާހަކަ ދެއްކިދާނެއެވެ. އެކަމަށް ދެކޮޅު ހެދިދާނެ އެވެ. އެކަމުގެ ނުބައިކަން ހާމަކުރެވިދާނެއެވެ.
އެއީ އެހާ ބުރަ ކަމެއް ނޫނެވެ. ކީރިތި ޤުރުއާނުން އާޔަތެއް، އޭގެ މާނައާއިއެކު “ކޮޕީ” ކޮށްލައްވާށެވެ. އަދި “ޕޭސްޓް” ކޮށްލުމަށް ފަހު “ޕޯސްޓް” ކޮށްލައްވާށެވެ.
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَٰلَمِينَ {7:80}
އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ (ރައީސް އޮފީހުގެ ތަރުޖަމާ)
އަދި لُوط (عليه السّلام) ތިމަންރަސްކަލާނގެ رسول ކަމާއިގެން ފޮނުއްވީމެވެ. ނުވަތަ އެކަލޭގެފާނު އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު ހަނދުމަފުޅުކުރައްވާށެވެ! (އެކަލޭގެފާނު ވިދާޅުވިއެވެ.) ކަލޭމެން عالم ގެ އެކަކުވެސް (ދުނިޔޭގެ އެއްވެސްތާކު) ކަލޭމެންގެކުރިން ނުކުރާ فاحِش ކަންތައް ކަލޭމެން ކުރަނީއެވެ. (ފިރިހެންކުޅިކުޅެނީއެވެ.) (އައްޝައިޚް އަބޫބަކުރު އިބްރާހީމްގެ ތަރުޖަމާ)
إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ {7:81}
ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ. (ރައީސް އޮފީހުގެ ތަރުޖަމާ)
ހަމަކަށަވަރުން ކަލޭމެން شَهْوَة ގެގޮތުން (އެދުންފުއްދުމުގެގޮތުން) އަންހެނުން ފިޔަވައި ފިރިހެނުން ގެނަސްގަންނަނީއެވެ. لِوَاط ކުރަނީއެވެ. އަދި ކިއެއްހެއްޔެވެ؟ ހަމަކަށަވަރުން ކަލޭމެންނަކީ (حرام ކަންތައްކުރުމާއި އުރެދުމުގައި) إسراف ކުރާ ބައެކެވެ. ހައްދުފަހަނަޅާފައިވާ ބައެކެވެ. (އައްޝައިޚް އަބޫބަކުރު އިބްރާހީމްގެ ތަރުޖަމާ)
وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ {7:82}
އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوط ގެފާނާއި، އެކަލޭގެފާނަށް إيمان ވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهر ވެގަންނަ ބަޔެކެވެ. (ރައީސް އޮފީހުގެ ތަރުޖަމާ)
އަދި އެކަލޭގެފާނުންގެ قوم ގެމީހުންގެ جواب ގައި (އަންނަނިވިފަދައިންމެނުވީ ނުވެއެވެ.) އެމީހުން ބުނީ އެބަހީ އޭގެ އެއްބަޔަކު އަނެއްބަޔަކަށް ބުނީ ކަލޭމެން ކަލޭމެންގެ ރަށުން އެމީހުން ނެރޭށެވެ! އެބަހީ لوط ގެފާނާއި އެކަލޭގެފާނަށް تبع ވީމީހުން ނެރޭށެވެ! ހަމަކަށަވަރުން ތިމަންމެން މިއީ طاهر ވެގަންނަ ބަޔަކީމުއެވެ. (އައްޝައިޚް އަބޫބަކުރު އިބްރާހީމްގެ ތަރުޖަމާ)

