އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ނަމަވެސް، ރައީސް ޞާލިހް އެއްބުރުން އިންތިހާބް ކާމިޔާބު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތް ޕާތީން ރައީސް ޞާލިހްގެ ކެމްޕެއިން ފަށަން ތައްޔާރުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ޞާލިހްގެ ކެމްޕެއިންއަށް ވާންޖެހޭ ތައްޔާރީތައް މިހާރު އޮތީ ނިމުމަކާ ކައިރިވެފައި ކަމަށެވެ.
އަދި މިހާ ހިސާބަށް އެއްވެސް ކެނޑިޑޭޓްއެއްގެ ޓީމްއަކުން އިންތިހާބަށް ތައްޔާރު ނުވާހާ ވަރަށް ރައީސް ސާލިހްގެ ކެމްޕެއިންޓީމްވަނީ ތައްޔާރުވެފައި ކަމަށް އިމްރާން ވިދާޅުވިއެވެ.
އެގޮތުން ކެމްޕެއިން ދަތުރުތައް ޝެޑިއުލްކޮށް، ހަރަކާތްތައް ރާވައި މެނިފެސްޓޯގެ މަސައްކަތް ވެސް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތުން އެންމެ ބޮޑު އިސްކަމެއް ދެނީ އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި ވެރިކަން ކުރެވޭނެ މަގު ކޮށައިދިނުމަށްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަށް 18 އަހަރު ފުރުނުއިރު، އެ ޕާޓީން އަބަދުވެސް ކުރަމުން އައީ ދީނީ އަދި އިސްލާހީ މަސައްކަތްތައް ކަމަށެވެ. އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް އެ ޕާޓިގެ ދައުރު މިހާރު ވަރަށް ބޮޑުވާނެކަމށް އޭނާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މީހެ ދެހަފްތާކުރިން ރައީސް ސާލިހްއާއި ބައްދަލުކޮށް އެމަނިކުފާނަށް ތާއީދު ކުރަން ނިންމާފައި ވާތީ އެ މަނިކުފާނުގެ ސަމާލުކަމަށް ގެންނަން އިލްމުވެރިން ބޭނުންވާ ކަންކަމާ މެދު މަޝްވަރާ ކުރުމުގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިންނެވެ. މި ސަރުކާރު ހިންގަން އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެހެން ޕާޓީތަކުގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވާށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

