އިރުމަތީ އިންޑީއާގައި އާދަޔާ ޚިލާފަށް ހޫނުގަދަވެ، ފާއިތުވި ދެދުވަހުގެ ތެރޭގައި 34 ހަތަރު މީހަކު މަރުވެފައި ވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެންމެ އާބާދީ ބޮޑު އުއްތަރަ ޕްރަދޭޝްގައި އާދަޔާ ޚިލާފަށް ހޫނު ގަދަވަމުން ދާތީ ޢުމުރުން 60 އަހަރުން މަތީގެ މީހުން ގެއިން ނުކުމެ ނޫޅުމަށްވެސް އެސަރަޙައްދުގެ ޑޮކްޓަރުން ލަފާދެއްވާފައި ވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މަރުވި އެންމެންނަކީ ވެސް 60 އަހަރުން މަތީގެ މީހުންނެވެ. މިހުރިހާ ފަރާތްތަކަކީ ވެސް ބައެއް ބަލިތައް ތަޙައްމަލް ކުރަމުންދިޔަ ފަރާތްތަކެއް ކަމުން، އެފަރާތްތަކުގެ ބަލިބޮޑުވެ މަރާއި ހަމައަށް ދިޔައީ ގަދަ ހޫނުގެ ސަބަބުން ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އެންމެންވެސް މަރުވެފައިވަނީ، އެސަރަޙައްދުގެ ވެރިރަށް ލަކްނައުގެ ދެކުނުން 300 ކިލޯމީޓަރު ދުރުގައި އޮންނަ ބާލިއާ ގައި ކަމަށް ޚަބަރުލިބެއެވެ.
23 މީހަކު މަރުވިކަން ކަށަވަރު ކުރެވިފައިވަނީ ބުރާސްފަތި ދުވަހު. އަނެއް 11 މީހުން މަރުވެފައިވަނީ ހުކުރުދުވަހު.
ބާލިއާގެ ޞިއްޙީ އިސް އޮފިޝަލް ޖަޔަންތު ކުމާރު ވިދާޅުވިއެވެ.
މީގެ ތެރެއިން ބައެއް މީހުން މަރުވީ، ހޫނުގެ ސަބަބުން ސިކުނޑިއަށް ސްޓްރޯކު ޖެހިގެން ކަމަށާއި، އަދި އަނެއް ބައެއްް ފަރާތްތަކަށް ދިމާވީ ޑައިރިއާގެ މައްސަލަ ކަމަށްވެސް ޚަބަރުލިބެއެވެ.
އެހެން ޞިއްޙީ އޮފިޝަލަކާއި ޙަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މަރުވި ހުރިހާ ފަރާތްތަކެއްވެސް ބާލިއާގެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ އެމީހުންގެ ޙާލަތު ސީރިއަސް ވެފައި ވަނިކޮށްކަމަށެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓެގެ ހިސާބުތައް ދައްކާގޮތުން ބާލިއާ ގެ ހޫނުމިން އެންމެ ގަދަވިއިރު 42.2 ޑިގްރީ ސެލްސިއަސް އަށް ވަނީ އަރާފައެވެ. މިއީ، ޢާއްމުކޮށް ހޫނުވާ މިންވަރަށް ވުރެ 4.7 ޑިގްރީ ސެލްސިއަސް މަތީގެ މިންވަރެކެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓާއި ފެނުގެ ޚިދުމަތްވެސް ބައެއް ސަރަޙައްދު ތަކުން ވަނީ ކެނޑިފައެވެ. ޢާއްމުން ވަނީ މިކަމާއި ދެކޮޅަށް އިޙްތިޖާޖުވެސް ކޮށްފައި ކަމަށް ރިޕޯތުތައް ބުނެއެވެ.
ވެރިކަންކުރާ ބީ.ޖޭ.ޕީ. އަށް ނިސްބަތްވެވަޑައިގަންނަވާ، އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިއްތިޔަނާތު ވަނީ ސަރުކާރުން ދަނީ މައްސަލަތަކަށް ޙައްލު ހޯދުމަށް މަސަކަތް ކުރަމުން ކަމަށް ވިދާޅުވެ، ރައްޔިތުން ކެތްތެރިކަން އިސްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ފާއިތުވި އޭޕްރީލް މަހުގެ ތެރޭގައިވެސް އިންޑިއާގެ މުމްބާއީ އަށް ހޫނުގަދަވެ، 13 މީހަކު ވަނީ މަރުވެފައެވެ. އެފަހަރުވެސް ބައެއް ސްޓޭޓްތަކުގެ ސްކޫލުތައް ވަނީ ހަފުތާއެއްގެ މުއްދަތަށް ބަންދުކުރަން ޖެހިފައެވެ.

