ތޫފާން ބިޕާޖޯއީގެ ބާރުދަށްވެ، ރައްކާތެރި ސަރަޙައްދު ތަކަށް ދިޔަ ޢާއިލާތައް އެނބުރި އެމީހުންގެ ގެތަކަށް ދާންފަށައިފިއެވެ. ތޫފާން އެރި ހުޅަނގު އިންޑިއާގެ ޖަޚައު އަވަށަށް ހޮނިހިރު ދުވަހު 130 ފަރާތެއް އެނބުރި ގޮސްފައި ވާކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ތޫފާނުގެ ސަބަބުން ކަރަންޓު ކެނޑުނު ގިނަ އަވަށްތަކަކަށް މިހާރު ކަރަންޓު ފޯރުކޮށްދެވިފައި ވާއިރު، އަދިވެސް 1500 އެއްހާ އަވަށަށް ކަރަންޓު ނުދެވި ވާކަމަށް ރިޕޯތުތައް ބުނެއެވެ.
ފެނާއި ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް އެޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުތައް ދަނީ ޙަރަކާތްތެރިވަމުން. އިސްކަންދެވޭ ތަރުތީބަކުން އަޅުގަނޑުމެން ހުއްޓުމެއް ނެތި މިކަން މިގެންދަނީ ކުރިއަށް.
ގުޖުރާތުގެ ރެވެނިއު ސެކެޓްރީ ކަމަލް ދަޔާނީ ވިދާޅުވިއެވެ.
ތޫފާން އެރި ސަރަޙައްދިތަކުގެ ގެތަކުގެ ފުރާޅުތައް ވަޔާ ވިއްސާލައި، މަގުތަކުގައި ޖަހާފައިވާ ދަގަނޑު ހޮޅިތަކާއި ގަސްތައް ވަނީ މުލުން ލުހެލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެނަސް، ތޫފާނުގެ އިންޒާރު ލިބި ކުރިއާލާ އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވުނު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ އެއްގަމުގެ ސަރަޙައްދު ތަކަށް ތޫފާން އެރި އިރު އެ ތޫފާނުގެ ވައިގެ ބާރުމިންވަނީ ގަޑިއަކު 105 ކިލޯމީޓަރާއި، 85 ކިލޯމީޓަރާއި ދެމެދަށް ދަށްވެފައެވެ. އަދި އޭގެ، މަދު ގަޑީރުތަކެއް ފަހުން ވައިޖެހޭ މިންވަރު 78 ކިލޯމީޓަރަށް ދަށްވެ މިތޫފާން މިހާރު ވަނީ ނަގޫރޯޅިއެއްގެ ދަރަޖައަށް ބަދަލުވެފައި ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއްވައެވެ.
އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އެއް އަވަށް ކަމަށްވާ ޖަޚައު އަވަށަށް އިންޑީއާގެ ފެޑްރަލް ހޯމް މިނިސްޓަރ އަމިތު ޝާހް ވަނީ ހޮނިހިރު ދުވަހު ޒިޔާރަތްވެސް ކުރައްވާފައެވެ.
ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކާއި އޭގެ މިންވަރު އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

