އަލިފާންރޯވި ފެރީއެއްގައި ތިބި 120 މީހެއް ސަލާމަތްކޮށްފައި ވާކަމަށް ފިލިޕީންސްގެ ކޯސްޓްގާޑާއި ޙަވާލާދީ ރޮއިޓާސްއިން ބުނެފިއެވެ. އެމް./ވީ. އެސްޕްރެންޒާ ސްޓަރ ނަމަކަށް ކިޔާ ފެރީގައި އަލިފާންރޯވިއިރު، 65 ފަސިންޖަރުންނާއި، 55 އޮފިސަރުންގެ އިތުރުން އޭގެފަޅުވެރިން ތިބި ކަމަށް ޚަބަރުލިބެއެވެ.
7600 އަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވޭ ފިލިޕީންސްގެ ސިކީޖަރ ނަމަކަށް ކިޔާ ރަށުން ފުރައިގެން ދިޔަ މިފެރީގައި އަލިފާންރޯވެފައި ވަނީ "ބޯހޯލް" ކިޔާރަށުގެ ދެކުނު ފަރާތުން ދަތުރުކޮށްފައި ދަނިކޮށެވެ.
ފެރީގައި ރޯވި އަލިފާން ނިއްވާލުމަށް ކޯސްޓްގާޑުން ވަނީ އެސަރަޙައްދުން ދަތުރުކުރި އެހެން އުޅަނދެއްގެ އެހީވެސް ހޯދާފައެވެ. ފެރީގައި ރޯވި އަލިފާން ނިއްވާލިކަން ކޯސްޓްގާޑުން ހާމަކޮށްފައި ވަނީ ޖީ.އެމް.ޓީ. ގަޑިން 2:00 ގައެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދިވެސް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކޯސްޓުގާޑުގެ އުޅަނދުތައް އަދިވެސް އެސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދާއިރު، ފެރީއިން ސަލާމަތް ކުރިމީހުން ތިބިތަނަކާއި އެމީހުންގެ ޙާލަތު އަދި އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
މިއަހަރުގެ މާޗު މަހުގެ ތެރޭގައި، 250 މީހުންނާއިއެކު ދަތުރު ކުރު ފެރީއެއްގައި ވެސް ވަނީ މިފަދަ ޙާދިސާއެއް ހިނގާފައެވެ. އެޙާދިސާގައި 24 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި 6 މަހުގެ ތުއްތުކުއްޖެއް ވެސް ހިމެނެއެވެ.

