ތައިލޭންޑްގެ އަންހެނަކާއި ފިރިހެނެއްގެ މައްޗަށް ޕޮންޒީ ސްކޭމްކުރި ކަމުގެ ކުށް ސާބިތުވެ 12،640 އަހަރުގެ ޖަލު ޙުކުމެއް ކޮށްފިއެވެ. ތައިލޭންޑްގެ ކްރިމިނަލް ކޯޓުން ބުދަދުވަހު، މިޙުކުމް ކޮށްފައިވަނީ، އެދެމީހުންގެ މައްޗަށް ވަކިވަކީންނެވެ.
ޕޮންޒީ ސްކޭމް ގެ ނަމުން ނަންދެވިފައިވާ މިފަދަ ސްކޭމްކުރާ ފަރާތްތަކުން ޢާއްމުން އަތުން ފައިސާ ނަގަނީ އެމީހުންނަށް އެފައިސާ އިތުރު ފައިދާ އާއިއެކު ދޭނެކަމަށް ބުނެއެވެ. އަދި މިކަން ދިގު މުއްދަތަކަށް ކުރުމަށްޓަކައި އެމީހުންގެ ސްކީމަށް ފުރަތަމަ ފައިސާ ދައްކާ ފަރާތްތަކަށް ފަހުން ފައިސާ ދައްކާ ފަރާތްތަކުގެ ފައިސާއިން ފައިދާވެސް ބަހައެވެ.
މިދެމީހުން ވަނީ އެމީހުންގެ ސްކީމްގެ ދަށުން ފައިސާ ރައްކާކުރާ މީހުންނަށް 93 އިންސައްތައިގެ ބޮޑު ފައިދާއެއް ލިބޭނެ ކަމަށްވެސް ބުނެފައެވެ.
ފޭސްބުކް މެދުވެރިކޮށް 2019 ވަނައަހަރުގެ މާޗް މަހުން ފެށިގެން އޮކްޓޯބަރު މަހާއި ހަމައަށް މިދެމީހުން ޢާއްމުން އަތުން ފައިސާ ނަގާފައި ވާކަމަށް ކޯޓަށް ވަނީ ސާބިތުވެފައެވެ.
މިދެމީހުންނަށް މިހާ ދިގު މުއްދަތެއްގެ ޙުކުމެއް އައިސްފައިވަނީ މި ސްކޭމްގެ ގެއްލުން ލިބުނު ކޮންމެ ފަރާތެއްގެ ޙިއްސާ އެމީހުންގެ ޖަލު މުއްދަތުގައި ހިމެނުމުން ކަމަށް ވިއޯން ނިއުސްއިން ރިޕޯޓު ކޮށްފައިވެއެވެ.

