ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްއާއި ބައްދަލުކުރެއްވުމަށް ޕީޕީއެމްގެ އިސް ލީޑަރުން ރައީސް އާއި ބައްދަލުކުރެއްވުމަށް މަސައްކަތްކޮށް އެކަން ނުވުމުން، އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ލިޔުމަކުން އެދިވަޑައިގެންފިއެވެ.
މީގެ ކުރިންވެސް ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންވަނީ ރައީސް ޞޯލިހްއާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީސް ކައިރިއަށް ވަޑައިގެންފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގް އާއި ރިޝްވަތުގެ ކުށުގެ ދައުވާއާއި ގުޅިގެން ވަނީ 11 އަހަރުގެ ޖަލުހުކުމްއެއް ކޮށްފައެވެ. ޕީޕީއެމްގެ ލީޑާޝިޕްއިން ހާމަކުރާ ގޮތުގައި، ރައީސް ޞޯލިހްއާއި ބައްދަލުކުރެއްވުމަށް އެބޭފުޅުން ބޭނުންވަނީ، އެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ އެކި ޝަރީއަތްތަތަކަށް ނުފުޒު ފޯރުވައި، ދެމުންދާ އަނިޔާތަކާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށެވެ.
އިދިކޮޅުގެ ލީޑަޝިޕްގެ އިސް ބޭފުޅުން މިއަދު ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު ނުކުމެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެން، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަގުތުން ލިޔުއްވި ސިޓީއެއް ހަވާލު ކުރެއްވުމަށް ފަހު އެވެ.
އެ ސިޓީގައިވާ ގޮތުން އެބޭފުޅުން ރައީސްގެ އަރިހަށް އަންނަތާ ހަތރު ދުވަސް ވެފައިވާއިރު އޭގެން އެއްވެސް ދުވަހެއްގައި ރައީސްއާއި ބައްދަލުކުރެވޭ ގޮތް ނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެބޭފުޅުން އަންނަނީ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރެއްވުމަށް ކަމަށްވެސް ސިޓީގައި ލިޔެފައިވެއެވެ.
ރައީސް ޔާމީނަށް ކުރާ އަނިޔާއާއި ދެކޮލަށް އަޑުއުފުލައި އެ ޕާޓިގެ ލީޑާޝިޕްގެ ފަރާތްތަކުންނާއި ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުން އަންނަނީ ސިލްސިލާ އަޑުއުފުލުންތައްވެސް ބާއްވަމުންނެވެ.

