އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ. ވެރިރަށް ބެއިޖިންގ އަށް ބްލިންކަން މިހާރު ފައިބާވަޑައިގެންފައި ވާއިރު، މިއީ ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ މަތީ ފެންވަރުގެ އޮފިޝަލަކު ޗައިނާއަށް ވަޑައިގެންފައިވާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
މިދަތުރުފުޅުގެ ސަބަބުން، ސަރަޙައްދީ ސުލްޙައާއި ޓެކްނޮލޮޖީގެ ދާއިރާއާއި އަދިވެސް ދެބަސްވުން އުފެދިފައިވާ ގިނަ ކަންކަމުގައި، ދެޤައުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމާއިމެދު ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އެހެނަސް، ގުޅުން ބަދަހި ކުރުމުގެ ވިސްނުން ދެޤައުމުން ވެސް ވަނީ ފާއިތުވި ދުވަސްތަކުގައި ކުރިއަށް ނެރުއްވާފައެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރު ފުޅުގައި އާދީއްތަ ދުވަހު ބްލިންކަން ޗައިނާއަށް ވަޑާއިގެންފައި މިވަނީ ޗައިނާއިން އެމެރިކާއަށް ޖާސޫސްކޮށްފައި ވާކަމަށް ތުހުމަތު ކުރެވި ދެޤައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.
މިދަތުރުފުޅަކީ ފެބްރުއަރީ މަހުގެ ތެރޭގައި ކުރުމަށް ކުރިން ރޭވުނު ދަތުރުފުޅެކެވެ. އެހެނަސް އޭރު ދަތުރުފުޅު ފަސްކުރެވުނީ ޖާސޫސް ކުރުމުގެ ތުހުމަތުތަކުގެ ސަބަބުންނެވެ.
މިދަތުރުފުޅުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ޖާސޫސް ކުރަން ފޮނުވި ކަމަށް އެމެރިކާއިން ދެކޭ، އެޤައުމުގެ ވައިގެ ސަރަޙައްދުގައި އޮއްވާ ވައްޓާލި “ބެލޫން” އަކީ ފަހަރުގައި ޗައިނާ ސަރުކާރުން ފޮނުވި އެއްޗަކަށް ނުވެދާނެކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެކު ތަންކޮޅެއް ދިގު، އިތުރު ބައްދަލުވުމެއް ބޭއްވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. ބައިޑެން މިހެން ވިދާޅުވީ، މިދިޔަ އަހަރު ބާލީގައި ބޭއްވުނު ޖީ-20 ސަމިޓުގެ ހަވާސާގައި ދެބޭފުޅުން ކުރެއްވި ބައްދަލު ވުމަށް ޢިޝާރާތް ކުރައްވައެވެ.
ޗައިނާއާއި އެމެރިކާގެ ގުޅުން ގޯސްވެ ދެޤައުމުގެ އޮފިޝަލުން އެއްޤައުމުން އަނެއް ޤައުމަށް ޒިޔާރަތް ކުރުން ހުއްޓިފައިވަނީ ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ.

