ދިވެހިންތަކެއް ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކުގެ ބަންދަށް 15 ދުވަސް ޖަހައި، އޭގެތެރެއިން 18 އަހަރު ނުވާ ކުޑަކުއްޖާ އާއިލާއާއި ހަވާލުކޮށްފިއެވެ.
އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ދޮރުވައްޓާލައިގެން އެ ގެއަށް ގަދަކަމުން ވަދެގަނެގެން ރަހީނުކޮށްފައި ތިބި ތިން ދިވެހި ފިރިހެނުން ސަލާމަތް ކުރީ އިއްޔެ އެވެ. އެމީހުން ސަލާމަތްކުރި އިރު އެކި ވަރުގެ އަނިޔާ ދީފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
ރަހީނުކޮށްފައި ތިބި މީހުންނަށް ވަނީ އައިޖީއެމްއެޗްއިން ފަރުވާދިނުމަށްފަހު ދޫކޮށްލާފަކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލާގެ ތަހުގީގު މިހާރު ކުރިއަށް ދާތީ އެކަމާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކޮށްފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންއެއްގެ ތެރެއިންނެވެ.

