ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ޖަލަށްލުމާއި ގުޅިގެން މަހިލީހުގެ ގޮނޑި ގެއްލި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.
ނާޒިމް މައްޗަށް ކުރި ހުކުމް ބާތިލްލުރުމާއި ގުޅިގެން އޭނާވަނީ ހުކުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
ނަމަވެސް ސިވިލްކޯޓުން އެ ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސާސް ނެތްކަމަށް ވަނީ ނިންމާފައެވެ. އެ ނިންމުން ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށަހެޅުމުން އިސް ގާޒީ ނިންމެވީ ރަޖިސްޓްރާގެ ނިންމުން ދަމަހައްޓާށެވެ. އަދި ދަށު ކޯޓުގެ އެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ރައުޔު ތަފާތުވި ހުކުމެއްގައި ވަނީ ސިވިލް ކޯޓުގެ ނިންމުންތައް ދަމަހައްޓައިފަ އެވެ.
ނަމަވެސް ނާޒިމްގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް ބާތިލްކޮށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
ނާޒިމްގެ މައްޗަށް ހުކުމް ކުރުމުން އޭނާ ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު އެނބުރި އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމުންނެވެ.
ނާޒިމްގެ ގޮނޑި ގެއްލުމާއެކު ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވީ، ޕީޕީއެމްގެ ޓިކެޓްގައި އެ ގޮނޑިއަށް ވާދަކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް އެވެ.

