ރައްޔިތުންގެ މެދުގައި އިލެކްޝަންސް ކޮމިޝަންއަށް އޮތް އިތުބާރު މިދިޔަ ފަސް އަހަރު ދުވަސްތެރޭ ވަރަށް ބޮޑަށް ކުޑަވެފައިވީ ނަމަވެސް، ނިޒާމީ ގޮތެއްގައި ވޯޓު އޮޅުވާލުމުގެ ފުރުސަތު އެ ކޮމިޝަންސްއަށް ނެތްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ޓްރާންސްޕޭރެންސީއިންވަނީ ސިޔާސީ އަދި އިންތިހާބީ މާހައުލު ދެނެގަތުމަށްޓަކައި “ޕްރީ އިލެކްޝަންސް އެސެސްމެންޓް”ގެ ނަމުގައި ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. މި މައުލޫމާތު އާންމުކޮށްފައިވަނީ މިއަދު މެންދުރުފަހު ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ޕްރެސް ބްރީފިންއެއްގައެވެ.
މި ދިރާސާކޮށްފައިވަނި އެކަމށް ތަޖުރިބާކާރު 30 ފަރާތަކާއި އިންޓަވިއުކޮށް އަދި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ދެ އެޑްވޮކަސީ ފޮރަމްތަކުން އެއްކުރެވުނު މައުލޫމާތުގެ އަލީގައިކަމަށް ޓްރާންސްޕޭރެންސީގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވިދާޅުވިއެވެ.
އަދި އެ އިދާރާއިން ހެދި ސާރވޭއިންނާއި އެކި ދިރާސާތަކުން، އިލެކްޝަންސް ކޮމިޝަންއާއިމެދު އާންމުންގެ އިތުބާރު ދަށްވަމުން ދާކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން 2013ވަނަ އަހަރުގައި 74 އިންސައްތަ މީހުން އީސީއަށް އިތުިބާރު އޮތްކަމަށް ބުނާއިރު، 2022 ގައި މިއަދަދު ވަނީ 43 އިންސައްތައަށް ވެއްޓިފައިވާކަމަށް އެ ދިރާސާއާއި ހަވާލާދީ ސާރާ ހާމަކުރިއެވެ.
މީެ އިތުރުން އީސީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް އެ ދިރާސާއަށް މައުލޫމާތުދިން ޕާޓީތަކުން ބުނެފައިވާކަމަށާއި، އަދި އީސީގެ ގާނޫނުގައި މެމްބަރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ސާފުނުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށް ބުނެފައިވެ އެވެ.
ޓްރާންސްޕޭރެންސީން ބުނީ އީސީއަށް އޮތް އިތުބާރާ މެދު ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އިދާރީ ގޮތުން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ރަނގަޅު ކަމަށެވެ.
ޓްރާންސްޕޭރެންސީން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބެއް ވެސް އޮބްޒާވްކުރަމުންނެވެ. އަދި އިންތިހާބާ ގުޅޭ އެކި ދިރާސާތައް ވެސް އެ ޖަމިއްޔާއިން ކުރެ އެވެ.

