ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި އުފައްދާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް ފެނޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރުން މިރޭ ބޭއްވި ބައްދަލުވުމުން އެކަމަށް ތާއީދު ލިބިފައިނުވާތީ އެ ޕާޓީ އުފެއްދުމަށް ހުއްދަ ދެވެން ނެތްކަމަށް އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
އީސީގެ މެންބަރުން ބޭއްވެވި ބައްދަލުވުމަށް ފަހު ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ދެއްވި ޖަވާބުގައި ފުއާދު ވިދާޅުވީ މިރޭގެ ބައްދަލުވުގައި އީސީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ދެ މެންބަރަކު ފިޔަވައި އެހެން ބޭފުޅުން ވޯޓު ދެއްވީ ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދޭން ކަމަށެވެ.
ހުއްދަ ދިނުމަށް އެއްބަސްވެފައި ނުވަނީ އެބޭފުޅުން ބޭނުންވާ ފެކެޓްތަކެއް އަދި ބަލައި ނުނިމޭތީކަމަށްވެސް ފުއާދުވިދާޅުވިއެވެ.
“އެހެން އެ ބޭފުޅުން ބޭނުންފުޅުވަނީ އަދިވެސް ހުރިހާ އެއްޗެއް ޗެކުކުރަން ކަމަށް. ތިން މަސްދުވަސް ގާނޫނުން ދޭތީވެ،” އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ. ފުއާދު އާއި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ.
ފުއާދު ވިދާޅުވީ ފުއާދު މަސައްކަތް ކުރައްވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުން ކަމަށް، ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން ތުހުމަތުކުރެއްވި ކަމަށެވެ.
އީސީން ކުރިން ވެސް ބުނެފައިވާ ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އަދި އެކަމަށް 3-4 މަސް ހޭދަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ނުދީގެން އެ ޕާޓީގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންވަނީ މިއަދި އިލެކްޝަންސް ކޮމިޝަންއަށް ހާޒިރުވެފައެވެ. އޭރުވެސް އެބޭފުޅުން ދިޔައީ އެ ޕާޓީ އުފެއްދިޔަ ނުދިނުމަށްޓަކައި ބަޔަކު މަސައްކަތްކުރައްވަމުން ގެންދާކަމުގެ ތުހުމަތުތައް ކޮށްފައެވެ.

