ކެލިފޯނިއާ އާއި މެކްސިކޯ ވަކިކޮށްދޭ ގަލްފް އޮފް ކެލިފޯނިއާ އަށް 6.4 މެގްނެޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫރަޕިިއަން މެޑިޓެރޭނިއަން ސެސްމޮލޮޖިކަލް ސެންޓަރ (އީ.އެމް.އެސް.ސީ.) އާއި ޙަވާލާދީ ރޮއިޓާސްއިން ބުނެފައި ވަނީ، ބިންހެލުން އައީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ބިންހެލުން އައިސްފައިވަނީ، "ކޯޓޭޒް ކަނޑު"ގެ ނަމުން ވެސް ނަން ދެވިފައިވާ، ގަލްފް އޮފް ކެލިފޯނިއާގެ 10ކިލޯމީޓަރު އަޑިއަށް ކަމަށް އެ ސެންޓަރުން ބުނެއެވެ.
ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް މެކްސިކޯގެ ސިވިލް ޑިފެންސް އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެނަސް އެސަރަޙައްދުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނާއި، މަސްވެރީން، އޮއިވަރަށް އަތުވެދާނެ ބަދަލަކަށް ސަމާލު ވުމަށް އެފަރާތުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ބިންހެލުމުގެ ސަބަބުން އެމެރިކާގެ އެލަސްކާ އާއި ބްރިޓިޝް ކޮލަމްބިއާ އަދި އެޤައުމުގެ ހުޅަނގު އައްސޭރިއަށް ސުނާމީއެއް އަރާފާނެކަމުގެ ބިރެއް ނެތްކަމަށް، ބިންހެލުން އައިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ސުނާމީގެ އިންޒާރުދޭ ސިސްޓަމުން ވަނީ ބުނެފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ (ޔޫ.އެސް.ޖީ.އެސް.) އިން މި ބިންހެލުން މިންކޮށްފައި ވަނީ 6.3 މެގްނެޓިއުޑްގައެވެ.
މިއީ، 6.6 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށް، ނެދަލޭންޑްގެ ބައިނަލްއަގުވާމީ ނޫސް އެޖެންސީ އެއް ކަމަށްވާ ބީ.އެން.އޯ. އިން ވަނީ ރިޕޯޓު ކޮށްފައެވެ.

