ފަލަސްޠީނުގެ ވެސްޓްބޭންކުގެ އުތުރުގައި އޮންނަ ޖެނީންސިޓީގައި ހުންނަ ޖެނީން ކޭމްޕަށް އިސްރާއީލް ސިފައިން ވަދެގެންފިއެވެ. ހޯމަ ދުވަހުގެ ހެނދުނު އިސްރާއީލު ސިފައިން މިކޭމްޕަށް ވަދެފައިވަނީ ވެސް ބަޑިޖަހަމުންނެވެ.
އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން މިހާތަނަށް ފަލަސްޠީނުގެ 3 މީހަކު ޝަހީދުވެ 37 މީހަކު ޒަޚަމް ވެފައިވާކަމަށް އަލްޖަޒީރާއިން ބުނެއެވެ. ޝަހީދުވެފައިވާ މީހުންގެތެރޭގައި ފަލަސްޠީނުގެ 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ކަމަށް ޚަބަރުލިބެއެވެ.
ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޭމްޕަށް ވަން އިސްރާއީލު ސިފައިން ވަނީ، ކޭމްޕްގައި ތިބިމީހުންނަށް އަމާޒުކޮށް ސްޓަން ގަރެނޭޑާއި ވިހަ ގޭސް އަދި އަސްލު ވަޒަން ބޭނުން ކޮށްފައެވެ.
ޝަހީދުވެފައި ވަނީ 21 އަހަރާއި 19 އަހަރުގެ ޒުވާން ދެ ފިރިހެނުންގެ އިތުރުން 15 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއްކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.
މިއީ، ފަލަސްޠީނަށް އަތްގަދަ ކޮށްފައިވާ އިސްރާއީލު ސިފައިން، 2000 ވަނަ އަހަރަށްފަހު، މީހަކު ހައްޔަރު ކުރަން އަސްކަރީ ވައިގެ އުޅަނދު ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށް ޓައިމްސް އޮފް ގާޒާއިން ވަނީ ބުނެފައެވެ.
އިސްރާއީލު ސިފައިން ބުނެފައިވަނީ ޖެނީން ކޭމްޕަށް ވަނީ ދެމީހަކު ހައްޔަރު ކުރަން ކަމަށެވެ. އަދި އެތަނަށް ވަނުމުން އެތަނުގައި ތިބި މީހުން ވަނީ ސިފައިންނާއި ދިމާއަށް ބަޑިޖަހާފައި ކަމަށާއި، ރައްދުގައި ބަޑިޖަހަން ޖެހުނީ އެހެން ވެގެން ކަމަށެވެ.
އިސްރާއީލު ސިފައިން ހޯދަން ބޭނުންވާ އެކަކީ ޖަލަށްލާފައިވާ ޙަމާސްގެ އިސްފަރާތެއްގެ ދަރިއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
"އިސްރާއީލުގެ ސިފައިން ތިބި އުޅަނދަކަށް ގޮވާޒާތުގެ އެއްޗެއް އަމާޒުވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އިސްރާއީލު ސިފައިންގެ ހެލިކޮޕްޓަރުން ބަޑިހިފައިގެން ތިބި ފަލަސްޠީނު ހަނގުރާމަވެރިންނާއި ދިމާއަށް ބަޑިޖެހީ ސިފައިން އެތަނުން ނުކުތުމަށް އެހީވުމަށެވެ." އިސްރާއީލު ސިފައިންގެ އުޅަނދު ކޭމްޕުން ނިކުތްތަނާ އެޤައުމުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ސަނަދު އޭޖެންސީން ޢާއްމުކޮށްފައިވާ ވީޑިއޯއެއްގައި ޖެނީންކޭމްޕްގެ މަތިން އުދުހުނު ހެލިކޮޕްޓަރަކުން އެ ކޭމްޕަށް ރޮކެޓެއް ފޮނުވާލާ މަންޒަރު ފެނިފައި ވާކަމަށް އަލްޖަޒީރާއިން ބުނެއެވެ. އަދި އެތަނުގައި އިތުރު އުޅަނދެއް އުދުހޭތީވެސް އެވީޑިއޯ އިން ފެނެއެވެ.
މިޙާދިސާއަށް ފަހު "ވަގުތު ޖެހިއްޖެ" ކަމަށް ބުނެ، ވަރުގަދަ ރައްދު ޙަމަލާތަކެއް ދޭން ޖެހޭނެކަމަށް އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމަޓްރިކް ވަނީ ގޮވާލާފައެވެ.

