ރަސްމީ ދަތުރުފުޅެއްގައި މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލު ކުރައްވައިފިއެވެ.
ބްލިންކަންގެ ދަތުރުފުޅުގެ އެންމެ ފަހު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވުނު މި ބައްދަލުކުރެއްވުން ފެށުމާއިއެކު ރައީސް ޝީ ވަނީ ވަރަށް ބޮޑެތި އުއްމީދުތަކެއް ދެއްވާފައި ކަމަށް ރޮއިޓާސްއިން ބުނެއެވެ. “ނާދިރު” މި ދަތުރުފުޅުގެ އަމާޒަކީ ދެޤައުމުގެ މެދުގައިވާ ޚިޔާލުތަފާތު ވުންތަކާއި މެދު ވާހަކަ ދެއްކުން ކަމަށާއި، އުއްމީދަކީ މައްސަލަތައް އިތުރަށް ގޯސްވެގެން ނުދިއުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ބްލިންކަން އާއި ޝީގެ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ، ޗައިނާއިން އެހެން ޤައުމުތަކުގެ ވެރިންނާއި އެކު ބައްދަލުވުންތައް ބާއްވާ ޚާއްޞަ ހޯލެއްގައެވެ. މިއީ އުއްމީދުގެ ޢަލާމާތެއް ކަމަށް ތަޖުރިބާކާރުން ދެކިލައްވައެވެ.
މި ބައްދަލުވުމަކީ، ދެޤައުމުގެ ރައީސުންގެ މެދުގައި، މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް އުއްމީދު ކުރެވެމުންދާ ބައްދަލުވުން ބޭއްވުމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށްވެސް ދަނީ ބުނެވެމުންނެވެ.
ބައެއް ކަންތައްތަކަށް ދެޤައުމަށް ވެސް ވަނީ އެއްބަސްވުމަކާއި ހަމައަށް އާދެވިފަ. މިއީ ވަރަށް ރަނގަޅު ކަމެއް.
ޗައިނާގެ ޤައުމީ ޓީވީން ބްރޯޑްކާސްޓް ކުރި ވީޑިއޯ އަކުން ރައީސް ޝީ މިހެން ވިދާޅުވާތީ ފެނެއެވެ. “މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ރަނގަޅު ކުރެއްވުމަށް ތިޔަބޭފުޅާ އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރަން.” ޝީ އިތުރަށް ވިދާޅުވިއެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ބައިގަޑިއެއްހާ އިރަށް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.
މިއީ ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ މަތީ ފެންވަރުގެ އޮފިޝަލަކު ޗައިނާއަށް ވަޑައިގެންފައިވާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. މިދަތުރުފުޅަކީ ފާއިތުވި ފެބްރުއަރީ މަހުގެ ތެރޭގައި ކުރުމަށް ކުރިން ރޭވުނު ދަތުރުފުޅެކެވެ. އެހެނަސް އޭރު ދަތުރުފުޅު ފަސްކުރެވުނީ އެމެރިކާއިން ޗައިނާއާއިމެދު ޖާސޫސް ކުރުމުގެ ތުހުމަތުތަކުގެ ސަބަބުންނެވެ.
ޗައިނާއާއި އެމެރިކާގެ ގުޅުން ގޯސްވެ ދެޤައުމުގެ އޮފިޝަލުން އެއްޤައުމުން އަނެއް ޤައުމަށް ޒިޔާރަތް ކުރުން ހުއްޓިފައިވަނީ ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ.

