ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަރުކާރުން އަސާސީ ހައްގުތައް ހިފަހައްޓަމުން ދާތީ، މިހާރު ކަންކަން ކުރިއަށް ދާ ގޮތުން އެމްޑީޕީގައި ހުންނަވަން ދަތި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އަޅުގަނޑު މިހާރު މި ހުރީ ޕާޓީގައި މި އަމަލުތައް ހިންގާ ކަމަށްވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއްވެފައި ހުރި ނަމަވެސް އެމްޑީޕީގައި އަޅުގަނޑު ހުންނަން. އަޅުގަނޑަށް ވަރަށް އުނދަގޫ. އާދެ އަޅުގަނޑު ވަރަށް ދެރަވޭ، ވަރަށް ދެރަވޭ މި ވާހަކަ ދަންނަވަން" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީސް ހުއްޓިފައި ވާތީ އެ މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަކުން ނަޝީދު ވިދާޅުވީ އެމްޑިޕީ ސަރުކާރެއް އޮވެ، ނަޝީދްއަށް ސަޕޯޓްކުރާ ފަރާތްތަކެއް އިސްވެ ތިއްބަވައި އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ހުރަސް އަލާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދްގެ މުޅި ހަޔާތް ހޭދަ ކުރެއްވީ އެންމެންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ފާހަގަކުރުއެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަާއި ހޖިޔާލު ފާޅުކުރުމުގެ މިނިވަންކަންފަދަ ކަންތައްތަކަށް ވަކާލާތުކުރައްވާފައިވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދުތަށް ފުއްދުމުގައި ކަންކަން ދަނީ މުޅިން ގޯހުން ކަމަށް ނަޝީދު ވިދާޅު ވިއެވެ. އަދި އެ ކަންކަން ނިންމުމުގައި ސަރުކާރުތެރެއިން އެ ޕާޓިއާއި އެއްވެސް ވަރެއްގެ މަޝްވަރާތަކެއް ހިނގާފައިނުވާކަމަށާއި ނަޝީދު އެ ޕާޓީން ވަކިނުވެ ހުންނަނީ އަލުން އަނބުރާ އެމްޑީޕީ ހޯދަން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރރިޔާސީ އިންތިހާބުން އެމްޑީޕީގެ ވޯޓާ ބޭސްއިން ދަ ޑިމޮކްރެޓުން އެކަށީގެންވާ އަދަދެއް ނަގާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަޝީދު އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ މަގާމު ފުރުއްވި ނަޝީދުގެ ބާރު ޕާޓީގައި ގެއްލެން ފެށީ 2018 ވަނަ އަހަރު ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދޫކޮށްލެއްވި ފަހުންނެވެ.

