ލޯފަން މީހުން އެދޭނަމަ ވޯޓު ކަރުދާހުގެ (ބެލޮޓް ޕޭޕާ) ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލެވޭނެ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި ބިލް ފާސްކޮށްފައިވަނީ ވޮޓުގައި ބައިވެރިވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
ބެލޮތް ޕޭޕާއަކީ ބޭރުގެ އެކި ގައުމުތަކުގައިވެސް ބޭނުންކުރާ އެއްޗެކެވެ. މި ކަރުދާހަކީ އާދައިގެ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އޭގެ ސަބަބުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައިވެސް ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެންދެއެވެ.
މީގެ އިތުރުން މި ކަރުދާސް ތައްޔާރުކޮށްފައިވަނީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާއި ދިމާލުން ކެނޑުމެއް ހުންނަ ގޮތަށެވެ. އޭގެ ސަބަބުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެ ކަރުދާހުގައި އަތްލައިގެން އޭގައިވާ ނަންބަރު ދެނެގަނެވޭނެއެވެ.
ލޯފަން މީހުންނަށް އެހީތެރިކަމަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހެދުމަށް އެދި ބްލައިންޑް އެސޯސިއޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ.

