ރައްޔިތުން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ބާރު އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްމަތީގައި ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ މަސައްކަތް މުޅިން ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ. އެމަނިކުފާނު ނިންމެވީ މަޖިލީހުގެ ރިޔާސަތު ބެލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު ކަނޑައެޅުއްވި ގޮތަށް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމާލިއިރު، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ތާރީހެއް އަންގާފައެއް ނުވެއެވެ.
ރާއްޖޭގެ ނޫހަކަށް ދިން އިންޓަރވިޔުއެއްގައި އަސްލަމް ވިދާޅުވެފައިވަނީ، މީހެއް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރުމުން، ހިފައިގެންގޮސް ހައްޔަރުކުރާކަށް އެއްވެސް ގާނޫނަކު ނެތް ކަމަށެވެ.
އެހެން ނަމަވެސް ގިނަ މެންބަރުންތަކެއް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް ސޮއި ކޮށްފައިވާތީ، މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނެވުމަކީ ރަނގަޅު ގޮތެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރިޔާސަތު ހަވާލުކުރާ މެމްބަރަކަށް ވިދިވިދިގެން ތިން ޖަލްްސާއަށް ވުރެ އިތުރަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. އެކަން އެހެން އޮތް އިރު ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކާ ގުޅޭ ގޮތުން ނަަޝީދު އާ ނިންމެވުމެއް ނުނިންމަވަ އެވެ. އެހެންވެ މަޖިލީހުގައި މިއަދު އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

