މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ދެފުށްފެންނަ ގޮތަށް ކުރެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމަށް އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކައުންސިލްގެ ލެވެލްގައި މުހިންމު ނިންމުންތަކެއް ނިންމާ އިދާރީގޮތުން ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ފާސްކޮސްފިއެވެ.
މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި، އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަންޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެފަހަރެއްގައި ނަގަންބޭނުންވާ ސަބަބާއި، އަދަދު އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކާ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރުމަށެވެ.
މުއިއްޒު ހުށަހެޅުއްވި މި ބަދަލު ގެނައުމަށް ފާސްކޮށްފައިވަނީ ސިޓީ ކައުންސިލްގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
”މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި،އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަންޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެފަހަރެއްގައި ނަގަންބޭނުންވާ ސަބަބާއި، އަދަދު އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކާ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރަންވާނެ ކަމަށް ޤަބޫލުކުރަން“ މޭޔަރޔ ވިދާޅުވިއެވެ.
ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މީގެ ކުރިންވެސް އަމަލުކުރަމުން އައިސްފައިވަނި އެ ގޮތަށެވެ. އެގޮތުން،
ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމުގައިވެސް އެފަދައިން ޢަމަލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މުވައްޒަފުން ނެގުމާއި، މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިތުރުން ސުޕަވައިޒަރުން އިތުރު ކޮށްފައިވަނީވެސް ކައުންސިލްގެ ރަސްމީ ޖަލްސާއިން ފާސްކޮށްގެން ކަން މޭޔަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިއީ އަބަދުވެސް ޢަމަލުކުރަމުންދާ އުސޫލު ކަމަށްވީނަމަވެސް ކައުންސިލްގެ ރަސްމީ ނިންމުމެއް މިކަމުގައި ނެތުމުގެ ސަބަބުން ޕޮލިސީއެއް ނެތުމާއިއެކު އިދާރީ ގޮތުން ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މިގޮތަށް ޢަމަލުކުރަމުންދާ ޢަމަލުކުރުން ރަސްމީ ކުރުމަށްޓަކާ ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް އެއީ ކައުންސިލްގެ ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.
މި އުޞޫލު މި އޮތްގޮތަށް ފާސްވެގެން ކައުންސިލްގެ އެއްވެސް ކޮންޓްރެކްޓް ނުވަތަ ކޮންސަލްޓެންޓެއްގެ ވަޒީފާއަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި މިއީ މިހާރުވެސް ޢަމަލު ކުރަމުންދާ އުސޫލު ނަމަވެސް މި އުސޫލް ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔުމަކީ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމުގައި ވެގެންދާނެއެވެ.
މި މައުޟޫއުއަށް ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރ ޝުޖާއު ފާހަގަ ކުރެއްވީ ކައުންސިލަށް ކޮންޓްރެކްޓް އުސޫލުން ނުވަތަ ކޮންސަލްޓަންޓުން ނަގަން ޖެހެނީ ކައުންސިލްގެ މަސައްކަތްތައް އަވަސްކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކައުންސިލުން މިކަން ކުރަން ޖެހުނީ ސިވިލް މުވައްޒަފުން ނެގުމުގައި ސަރުކާރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުން މާލެ ސިޓީ ކައުންސިލަށް ދަތިކޮށް އެ ފުރުޞަތު ނުދިނުމުގެ ސަބަބުން ކަމަށެވެ.
މިއަދުގެ ޖަލްސާގައި މޭޔަރ ވަނީ މާލެ ސިޓީ ކައުންސިލްގެ ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާތައް ދާއިމީ ކުރުމުގެ އިދާރީ މަސައްކަތްތައް ހިނގަމުންދާކަންވެސް ހާމަ ކޮށްދެއްވާފައެވެ.

