ރައްޔިތުން މަޖިލީހުގައި ސިޔާސީ ޕާޓީތައް ސަމްސީލްކުރާ އަދަދަށް އައި ބަދަލާއި އެކު ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް އަލުން ފެށުމަށް، ކޮމިޓީތަކުގެ މެންބަރުން ނިސްބަތްވާ މިންވަރު ކަނޑައެޅުމަށް ބަހުސްއެއް ކުރުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުތަކުން ދުރުކުރުމަށް މަޖިލީހުގެ އެމްޑީޕީ މެންބަރުންތަކެއް ލުމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާ ކަމަށް ބުނެ ނަޝީދުވަނީ ވަގުތީ ގޮތުން އެކަމުން ދުރުވެވަޑައިގެންފައިއެވެ.
އީވާގެ މައްސަލަ ކުރިއަށް ނުގެންގޮސް އޮތީވެސް، އެމްޑީޕޯީގެ 14 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން، ކޮމިޓީތަކުގެ ނިސްބަތަށް ބަދަލު އަންނާތީ އާންމު ކޮމިޓީ އަލުން އެކުލަވައި ނުލެވިގެންނެވެ. އެކަމާއި ގުޅިގެން މަޖިލީހަށް ނިސްބަތްވާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިގެންވެސް އެކަމަށް މިހާތަނަށް ހައްލެއް ހޯދިފައެއް ނުވެއެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއާއި ބެހޭ އެޖެންޑާ މިހާރު މަޖިލީހުގެ ސައިޓަށް ވަނީ ލާފައެވެ.

