ފްރާންސްގެ ވެރިރަށް ޕެރިހުގެ ތާރީޚީ ލެޓިން ކުއާޓާ ސަރަޙައްދުގެ ކައިރީ މަގެއްގައި ގޮވުމެއްގޮވާ ގިނަ ބަޔަކަށް ގެއްލުންތަކެއްވެ ދެ މީހަކު ގެއްލިގެން ހޯދަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.
ރޮއިޓާސް އިން ބުނާގޮތުގައި ބުދަދުވަހުގެ މިޙާދިސާގައި ޢިމާރާތެއްގެ ބައެއް ވަނީ ވެއްޓިފައެވެ. މިޙާދިސާގައި ގެއްލިގެން ހޯދާ ދެމީހުން އެތަނުގެ ދަށުގައި ވެދާނެ ކަމަށް ލަފާކޮށް ސްނިފް ޑޯގް ބޭނުންކޮށްގެން އެ ދެމީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އިއްޔެގެ މެނދުރުފަހު “ރި ސެން-ޖެކް” މަގަށް ގުޑުންއަރުވާލި މިޙާދިސާގައި މަދުވެގެން 37 ފަރާތަކަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ 4 މީހެއްގެ ހާލަތު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
“ސްނިފަރ ޑޯގް ތަކަށް މިތަނުން ވަނީ ވަހެއްދުވާފަ.” ފްރާންސްގެ އިންޓީރިއަރ މިނިސްޓަރު ޖެޣާލްޑް ޑަޣްމަނާ ވިދާޅުވިއެވެ.
ހޯދަމުންދާ ދެމީހުންގެ ހަށިގަނޑުވެސް ފެނިދާނެ. ނުވަތަ އެދެމީހުން ދިރިތިއްބާ ވެސް ފެނިދާނެ.
ޙާދިސާ ހިނގި ސަރަޙައްދުގައި ހުންނަވާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑަޣްމަނާ އިތުރަށް ވިދާޅުވިއެވެ.
ބާރު އަޑަކާއި އެކު ގޮވި ގޮވުމުން، ފުރަތަމަ ވަރަށް މައްޗަށް އަރައިގެންދިޔަ އަލިފާންގަނޑެއް ފެނުނުކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.
ޙާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެސަރަޙައްދު ބަންދުކޮށް ފުލުހުން ވަނީ ޙަރަކާތްތެރި ވާންފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިގޮވުމުގެ ސަބަބު ދެނެގަންނަން އަދި މާ އަވަސް ކަމަށް ޕެރިހުގެ ޕްރޮސެކިއުޓަރ އޮފީހުން ވަނީ ބުނެފައެވެ.
މިޙާދިސާއަކީ ގޭސް ލީކު ވުމުގެ ސަބަބުން ހިނގި ޙާދިސާއެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީގައި ހިނގި މިފަދަ ޙާދިސާއެއްގައި 4 މީހަކު މަރުވެ 66 މީހުން ވަނީ ޒަޚަމްވެފައެވެ.

