ޗައިނާގެ ރެސްޓޯރަންޓެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން 31 މީހުން މަރުވެ 7 މީހަކު ޒަޚަމްވެއްޖެއެވެ. ބުދަދުވަހުގެ ރޭގެ ވަގުތެއްގައި މިޙާދިސާ ހިނގާފައިވަނީ ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ނިންގޒިއާ ސަރަޙައްދުގައި ކަމަށް ރޮއިޓާސް އިން ބުނެއެވެ.
ޗައިނާގެ ޤައުމީ ނޫސް އެޖެންސީ ޒިންހުއާ އިން ބުނާ ގޮތުގައި މިޙާދިސާގެ ސަބަބުން، މުޅި އެޤައުމުގެ ރެސްޓޯރަންޓު ތަކުގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސް ޝީ ޖިންޕިންގ ވަނީ މިހާރު އަމުރު ކުރައްވާފައެވެ.
ގޭސްފުޅި ގޮވުމުގެ ސަބަބުން ރެސްޓޯރަންޓުގެ ބިއްލޫރިތަށް ތަޅައިގެން ގޮސް މީހުންނަށް ލިބުނު ގެއްލުންތަކާއި، އަލިފާން ރޯވެ ފިހިގެން ލިބުނު ޒަޚަމްތަކަށް 7 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ނިންގޒިއާގެ ވެރިރަށް ޔިންޗުއާންގައި މިޙާދިސާ ހިނގީ އެންމެ ގިނަމީހުން ރެސްޓޯރަންޓްތަކަށް ކާންދާގަޑީގައި ކަމުން މަރުވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ޢުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށް ޚަބަރުލިބެއެވެ.
2015 ވަނަ އަހަރު ޗައިނާގެ އުތުރުފަރާތު އައްސޭރީގައި އޮންނަ ޓިއާންޖިންގައި ހިނގި މިފަދަ ޙާދިސާތަކެއްގައި 173 މީހަކު މަރުވިފަހުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކޮށްފައި ވާތީ، ގޭހާއި ކެމިކަލްގެ ސަބަބުން ދިމާވާ މިފަދަ ޙާދިސާ ތަކަކީ ޗައިނާގައި އެހާ ޢާއްމު ކަމެއް ނޫންކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

