އަޟްޙާ ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު އާންމުން އެދޭ ސަރަޙައްދުތައް ބަންދު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މާލެ ސިޓީ ކައުންސިލުން މި ނިންމުން ނިންމީ އެކިއެކި ބޭފުޅުން އެބޭފުޅުން ދިރިއުޅުއްވާ ސަރަޙައްދު ބަންދުކޮށްގެން ޢީދު ފާހަގަ ކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގުފަހި ކުރުމަށާއި ކުރީ ފަހަރުތަކާއި ޚިލާފަށް ހުރިހާ މަގެއް މަގެއްގައި ދުއްވާތަކެތި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށެވެ.
މީގެ ކުރިން ޢީދު ދުވަސްތަކުގައި ހިނގާފައިއުޅޭ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ވަކި ވަގުތުތަކެއްގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން ސިޓީ ކައުންސިލުން މަނާކުރިއެވެ. އެހެންނަމަވެސް ޚާއްސަ ހުއްދައިގެ ދަށުން ވަކިފަރާތްތަކަކަށް ދުއްވުުގެ ހުއްދަ ދޫކޮށްފައިވެއެވެ.
ކައުންސިލުން ބުނީ އެގޮތަށް އުސޫލު ކަނޑައެޅިނަމަވެސް ޚާއްސަ ޙާލަތްތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ގިނަ ފަރާތްތަތަކުން އެދޭތީ އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުގެންދެވޭ ކަމަށެވެ. އެހެން ކަމުން ހިނގާފައި އުޅޭ މީހުންނާއި، ކުޑަކުދިންނާއި، އަދި ދުއްވާ މީހުންނަށްވެސް ފަސޭހަވާނެހެން މިފަހަރުގެ ޢީދުގައި މި އުސޫލަށް ބަދަލުގެންނަން ނިންމީ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
މި ނިންމުމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދައިން ކަންތައް ކުރުމުގެ ސަބަބުން ޢީދުކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދިލައްވާފައިވާ ފަރާތްތަކަށާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކަށާއި އަދި ދުއްވާތަކެތީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް މި ދެދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

