އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރެލް ހުސައިން ޝަމީމްއާއި ބައްދަލުކުރެއްވުމުން ޕީޖީ ޝަމީމް ރައީސް އޮފީހަށް ހާޒިރުކޮށްފި އެވެ.
އިދިކޮޅުން ޕީޖީ ޝަމީމް އާއި މިއަދު ބައްދަލުކޮށްފައިވަނީ ހައިކޯޓުގައި ހިނގަމުންދާ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ އިސްތިއުނާފް މައްސަލައަށްވުރެ، ދަށު ކޯޓުގައި ހިނގަމުންދާ ފުށްގިރި މައްސަލައަށް އިސްކަންދެއްވާކަމަށް ބުނެ އެކަމާއި ގުޅިގެން އޮތް ކަންބޮޑުވުންތަކާއި އެކުގައެވެ.
ޕީޖީ އާއި އިދިކޮޅުން ބައްދަލުކުރެއްވިތާ މާ ގިނައިރެއްނުވެ ޕީޖީ ޝަމީމް ރައީސް އޮފީހަށް ހާޒިރު ކުރެއްވިކަން އިދިކޮޅުން ވަނީ ޔަޤީންކޮށްދެއްވާފައެވެ.
ޕީޖީއާއިއެކު ކުރިއަށް ގެންދިޔަ ބައްދަލު ވުމަށްފަހު އިދިކޮޅުު ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ސަރުކާރުން ރައީސް ޔާމީން ގެ މައްސަލައަށް ނުފޫޒު ފޯރުވާކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އަދި ސިޔާސީ ޕްރޮގްރާމެއްގައި ޕީޖީ ޝަމީމް ބައިވެރިވެވަޑައިގެންނެވުމުން އެކަންވެސް ބައްދަލުވުމުގެ ތެރެއިން ފާހަގަކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެެވެ.
މީގެ އިތުރުން އިދިކޮޅުގެ ކަންބޮޑުވުންތައް ޕީޖީ ވަރަށް ރަނގަޅަށް އަޑުއެއްސެވިކަމަށާއި، އަދި އެކަމުގައި އޭނާ ދެކިލައްވާ ގޮތްވެސް ހިއްސާކުރެއްވިކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ޕީޖީ ޝަމީމްގެ އިތުރުން ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި، ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވެސް ރައީސް އޮފީހަށް ހާޒިރުކުރި ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އަދި މިކަމަކީ އިދިކޮޅުގެ ވަރަށްބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ ކޯލިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

