އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމުގެ ސަބަބުން އެޕާޓީ ހިންގުމަށް މަގުފަހިވެގެން ގޮސްފިކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އުފެއްދުމުގެ އެއް މޭސްތިރިޔާ އަދި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ އިން ވަކިވެ ވަޑައިގެންނެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް އަތުން ސިޓީފުޅެއް ލިޔުއްވާ ހުށައަޅުއްވާފަ އެވެ. އެ ސިޓީފުޅާއި އެކު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އެމްޑީޕީއިން ވަކިވެވަޑައިގަންނަވައިފިން ކަމަށެވެ. އެއާއިއެކު ޓްވީޓަށް ރައްދު ދެއްވާ ފައްޔާޒް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، އެހެން ނަމަވެސް، އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން ޕާޓީ ހިންގުމަށް މަގުފަހިވެގެން ގޮސްފިކަމަށެވެ.
އެއާއެކު ފައްޔާޒުވަނީ އެމްޑީޕީގެ ކުރިއެރުމަށް ރައީސް ނަޝީދު ކޮށްދެއްވާފައިވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފަ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރައްވައި ރައީސް ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ފޮނުވި ސިޓީގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ސިޓީގައި ވިދާޅުވިއެެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ، އެމަނިކުފާނަށް ވަފާތެރި މެމްބަރުންތަކެއް އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާ އެ ޕާޓީ ރެޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

