ދިވެހި ދަޢުލަތުގެ އިސްވެރިން މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ހާޒިރުކުރީ އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ބަންދު ތެރޭގައިވެސް އިތުރު އަނިޔާތަކެއް ދިނުމަށް ރޭވުމުގެ ގޮތުން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރައްވައިފިއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައަށްވުރެ ބާރަށް އެމަނިކުފާނުގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ ރ. ފުށްގިރި މުޢާމަލާތާ ގުޅޭ ޝަރީޢަތްތަށް ރާސްލާފައި ގެންދިއުމާއި ގުޅިގެން އިދިކޮޅުން މިއަދު ޕްރޮސިކިޔުޓަރ ޖެނެރަލް ޝަމީމް އާއި ބައްދަލު ކުރިތާ އިރުކޮޅެއްގެ ތެރޭގައި ޕީޖީ ޝަމީމްގެ އިތުރުން އެކި މުޢައްސަސާ ތަކުގެ ވެރިން ވަނީ ރައީސް އޮފީހަށް ހާޒިރު ކޮށްފައެވެ.
އެގޮތުން ހޯމް މިނިސްޓަރ އިމްރާން އާއި، އެޓާނީ ޖެނެރަލް ރިފްޢަތުގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު މިއަދު ރައީސް އޮފީހަށް ހާޒިރުކުރިއެވެ.
މިކަމާއިގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް އޮފީހަށް އެބޭފުޅުން މިއަދު ހާޒިރުކުރީ ކުރިއަށްއޮތް ޢީދު ބަންދުތެރޭގައިވެސް ރައީސް ޔާމީނަށް އިތުރު އަނިޔާދޭން ކަމަށެވެ.
“ރައީސް އޮފީހަށް އެބޭފުޅުން މިއަދު ހާޒިރުކުރީ ބަންދުތެރޭގައިވެސް ރައީސް ޔާމީނަށް އިތުރު އަނިޔާދޭން. އެހެންނޫންނަމަ އިދިކޮޅުން އިންޓަވިއު ދިނުމާއިއެކު ކުއްލިއަކަށް އެ އެންމެން ހާޒިރުކުރަންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރަން” އަބްދުއްރަހީމް ވިދާޅުވިއެވެ.

