ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ބިލް، ރައިސް އިބްރާހިމް މުހައްމަދު ޞާލީހް ތަސްދީގު ކުރައްވައިފިއެވެ.
އެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ފަސް ވަނަ މާއްދާގެ (ރ) އަށެވެ. އެމާއްދާއަށް ގެނެސްފައިވާ މައިގަނޑު އިޞްލާޙަކީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ކުރިން ދީފައި އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރައްވާ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުންވެސް އިންތިހާބާއި ބެހޭ އެހެން ބިލްތަކެއްވެސް ރައީސްވަނީ ތަސްދީގުކުރައްވާފައެވެ. އެގޮތުން، ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ކަރުދާހުގައި ފާހަގަޖެހޭ ގޮތް ހަދަން އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ހިމެނެއެވެ.
އެ ގާނޫނުގައިވަނީ ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ޓެމްޕްލޭޓެއް މެދުވެރިކޮށް އެ މަގު ފަހިކޮށްދޭންޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

