ރައްޔިތުން މަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާތީ އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާއި ގުޅިގެން، މަޖިލީހުގެ ރައީސް ވަނީ އެ މައްސަލާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ޖަލްސާތައް ކުރިއަށް ގެންދެވުން އަފީފް އާއި ހަވާލުކުރައްވާފައެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދާތާ ދުވަސް ތަކަކަށްފަހު ނަޝިދުވަނީ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެ މިއަދުގެ ޖަލްސާ ބާއްވަވާފައެވެ.
ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތަށް ޖަލްސާގައި އެޖެންޑާކުރިޔަސް ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި ދެ ގަޑިއިރުގެ ބަހުސަކަށް ފަހު ރިޔާސަތުން ނަޝީދު ވަނީ މަޖިލީސް ޗުއްޓީއަށް ދިޔަކަން ވެސް އިއުލާންކުރައްވައިފަ އެވެ.
އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މަޖިލީހުގެ ނިންމަން ހުރި މުހިންމުި މަސައްކަތްތައް ނުނިންމައި މަޖިލިސް ޗުއްޓީއަށް ދިޔުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެ އެޗްއާރްސީއެމުން ނެރުނު ބަޔާނުގައިވަނީ، މަޖިލީހަކީ ރާއްޖޭގެ ގާނޫނުތައް ހެދުމުގެ ބާރު މަތިކޮށްފައިވާ ފަރާތަށްވުމާއި ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް އެތަނުން ކުރާއިރު މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި، މަޖިލިސް އެންމެ ފުރިހަމައަށް ހިނގަމުން ނުދާތީ ކަންބޮޑުވާ ކަމަށެވެ.
އަދި މިނިވަން، ޑިމޮކްރަޓިކް ނިޒާމެއްގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ އެއް ބާރު އަނެެއް ބާރު ވަކިވެފައި އޮންނަ ގޮތުގެ މަތިން ހުރިހާ ބާރުތަކެއް ފުރިހަމައަށް ހިނގަމުންދިއުމާ އެކު އެއްބާރު އަނެއް ބާރަށް ފާރަވެރިވެ ހަރަކާތްތެރިވުން މުހިންމު ކަމެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތައް ދިރާސާކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކުންނާއި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކާއި ކަންކަން ދިރާސާކޮށް ލަފާދީ، އިދާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތަކަށް ފާރަވެރިވާންޖެހޭ ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ. ނަމަވެސް، ހައްގުތަކާއި ގުޅުންހުރި މުހިއްމު ބިލުތަކުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ނުގެންދިއުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅޭ ހުރަހެއް ކަމަށާއި، މަޖިލީހަކީ ސަރުކާރާއި ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތައް ޒަވާބުދާރީކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ފަރާތްކަމަށް ވާއިރު ފުރިހަމައަށް މަސައްކަތްތައް ހިނގަމުން ނުދިއުމަކީ އެއްބާރު އަނެއްބާރަށް ފާރަވެރިވެ ޖަވާބުދާރީކުރުމަށް އޮތް ހުރަހެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

