ހައްޖު މަހުގެ އެންމެ އެންމެ މާތް ދުވަހަކީ އަރަފާތު ދުވަސް ކަމަށާއި، އަދި އެއީ ފާފަ ފުއްސެވުމާއި ޢަފޫކުރެއްވުމުގެ ދުވަސްކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުންނަށްވެސް، އެ ދުވަހުގެ ޘަވާބުން މަހުރޫމު ނުވާކަމަށް މިއަދުގެ ޚުކުރު ޙުތުބާގައި ބުނެފިއެވެ.
އަހަރެމެން ހޭދަކުރަމުން މިދާ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކަކީ ބަރަކާތުން ފުރިފައިވާ ދުވަސްތަކެއް ކަމަށާއި، އަދި މިއީ ކުރެވިފައިވާ ކުށް ފާފަތަކުން ތައުބާވެ، ތަޤުވާވެރިވުމާއި އެކު ހެޔޮ އަމަލުތައް ކުރުން ގިނަ ކުރަންވީ ދުވަސްތަކެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެގޮތުން އަހަރެމެންގެ މާތް ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. ” މާތް ﷲގެ ހަޒްރަތުގައި ހެޔޮ އަމަލުތައް ކުރުމަށް، މި ދިހަ ދުވަހަށްވުރެ ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ.”
ހައްޖަށް ދިޔުމުގެ ނަސީބު ނުލިބޭ ފަރާތްތަކަށް، އަރަފާތު ދުވަހު ރޯދަހިފުމަކީ މޮޅި އިތުރުވެގެންވާ ކަމެކެވެ. އެއީ އަންނަން އޮތް އަހަރުގެ ފާފަތައް ފުހެވި، ވޭތުވެދިޔަ އަހަރުތަކުގެ ފާފަތައްވެސް ފުހެވިގެންދާ ކަމެއްކަމުގައި ރަސޫލާ ހަދީޘްކޮށްފައިވެއެވެ.
ރަސޫލާ ހަދީޘް ކޮށްފައިވެއެވެ. ” ޢަރަފާތު ދުވަހުގެ ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ. އަދި އާޝޫރާ ދުވަހު ރޮދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ.”
މީގެ އިތުރުން، އަޟްޙާ އީދު ދުވަހަކީ، އެހެން މީހުންނަށް ހެޔޮ ފޯރުވައި، އެހީތެރިވާ ދުވަސްކަމަށާއި، އަދި އެ ދުވަހު އުޟުހީޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއް ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
އަދި އީދު ދުވަހު އުޟްހިޔާ ކަތިލުމަށްވުރެ ﷲ ލޯބިވޮޑިގެންވާ އެހެން އެއްވެސް ކަމެއް އީދު ދުވަހު އަޅުންތަކެއް ނުކުރާނެ ކަމަށްވެސް ޙުބުތާގައި ބުނެފައިވެއެވެ.
އަދި އީދުގައި އުޟުހިޔާގެ ގޮތުގައި ކަތިލެވޭ އެއްޗެއް، ޤިޔާމަތްދުވަހުން އެ އެއްޗެއް ޤުރުބާންކުރި މީހަކަށް ފާފަ ފުއްސެވުމަށް އެދިގެން، އޭގެ ހުރިހާ ބައިތަކެއް އަންނާނެ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އީދަކީ ޒީނަތްތެރިވުމާއި، ކުޅިވަރުކުރުމާއި، ކެއުން ބުއިމަށް އަންނަ ދުވަހެއް ނަމަވެސް އިސްލާމް ދީނުގައި އެފަދައިން އަންނަ ކޮންމެ ދުވަހަކީވެސް މާތްﷲއަށް ކުރެވޭ މަތިވެރި އަޅުކަމެއްކަން ހަދާން ބެހެއްޓުމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
އަދި އީދުގައި އުފާފާޅުކޮށް ކުޅިވަރުތަކުގައި އުޅޭއިރު އިސްލާމީ ހުދޫދުގެ ތެރެއިން ބޭރުނުވެ، އުޅުމަށް ހުތބާގައި ގޮވާލާފައިވެއެވެ.

