މާލެސިޓީ ކައުންސިލުން މިއަހަރުގެ އަޟްޙާ ޢީދަށް މާލެ އާއި ވިލިމާލެ ގިޑިގެ ތަކާއި ކުލަބޮކިތަކުން ޒީނަތްތެރިކޮށް ދިއްލުމުގެ މަސައްކަށް ފަށައިފިއެވެ.
ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ޕްލޭނު މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާކަމަށް މީގެ ކުރިން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރަމަޟާންމަސް ފާހަގަކުރުމަށް މަގުތައް ޒީނަތްތެރިކޮށްފައި ހުންނަ ތަން ފެނިގެންދާ ފޮޓޯއެއް ހިއްސާކުރުމަށްފަހު އާންމު ރައްޔިތަކު ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދައިން މާލޭގެ މަގުތައްވެސް ޒީނަތްތެރި ކުރާނެކަމަށް އުންމީދުކުރާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓަށް ޖަވާބުދެއްވަމުން މާލެސިޓީގެ މޭޔަރ ޑރ މުޢިއްޒު މީގެކުރިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވަނީ އެފަދައިން އެކަން ކުރުމަށް ނިންމާފައި ކަމަށެވެ.
މާލެސިޓީ ކައުންސިލުން ބުނީ މިއީ ހަތަރުވަނަ ދައުރުގެ ކައުންސިލުން މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅެއްކަމަށެވެ.

