އެމެރިކާއާއި އިންޑިއާގެ އެންމެ އިސްވެރިން ބައްދަލު ކުރައްވާ، ޕާކިސްތާނުގެ ބިމުގެ ސަރަޙައްދު ބޭނުން ކޮށްގެން ޓެރަރިސްޓު ޙަމަލާތައް ދިނުން ހުއްޓުވުމަށް ގޮވާލުމުން އެކަމަށް ޕާކިސްތާނުން ވަރުގަދަ ރައްދެއް ދީފިއެވެ.
ދެޤައުމުން މިހެން ގޮވާލާފައި ވަނީ، އެމެރިކާއަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ.
މިގޮވާލުމަށް ރައްދުދީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ “ޙައިސިއްޔަތެއް ނެއް، އެއްފަރާތަކަށް ޖެހިފައިވާ، އޭގައި އޮޅުވާލުން އެކުލެވޭ” ގޮވާލުމެއް ކަމަށެވެ. ދެޤައުމުގެ ގޮވާލުމަކީ ޚާރިޖީ ގުޅުމުގެ ޢާއްމު އުޞޫލާއި ޚިލާފުކަމެއް ކަމަށް ވެސް އެބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ޓެރަރިޒަމްއާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއާއި އެކު ޕާކިސްތާނުން އަތުގުޅާލާފައި ވަނިކޮށް މިފަދަ މޭރުމަކުން، އެމެރިކާގެ ބައިވެރިވުމާއިއެކު، ގޮވާލުމަކީ އެޤައުމަށް ޙައިރާންކަން ގެނުވި ކަމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާއިން މިފަދަ ޢިބާރާތްތައް ޕާކިސްތާނާއި ދެކޮޅަށް ބޭނުން ކުރަނީ އެޤައުމުން ކަޝްމީރުގައި ހިންގާ ޢަމަލުތަކާއި، އިންޑިއާގެ އެތެރޭގައި ބައިމަދު މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތައް ފޮރުވުމަށް ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.
ގިނަ ފަރާތްތަކުން އެދެމުން ދިއުމާއި އެކުވެސް، ބޮޑުވަޒީރު މޯދީ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެބޭފުޅާ އާއި އިންސާނީ ޙައްޤުތަކުގެ ވާހަކަ ނުދެއްކެވުމަށް ރައީސް ބައިޑަން ވަނީ ނިންމަވާފައެވެ. އަދިި އެމެރިކާއިން ވަނީ މޯދީއަށް ވަރަށް ހޫނު މަރުޙަބާއެއް ދަނަންވާފައެވެ.
1947 ވަނަ އަހަރު އިނގިރޭސީންގެ ދަށުން މިނިވަންކަން ލިބުނީއްސުރެ އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން މިހާތަކަށް އަދި ރަނގަޅު ވެފައެއް ނުވެއެވެ. މިނިވަންކަން ލިބުނު ފަހުން ދެޤައުމުގެ މެދުގައި 3 ހަނގުރާމައެއް ހިނގާފައި ވާއިރު، އޭގެތެރެއިން 2 ހަނގުރާމަ ހިނގާފައި ވަނީ ކަޝްމީރުގައެވެ.

