ރަޝިޔާގެ ރައީސް ވްލަޑްމީރް ޕޫޓިންގެ ޚާއްޞަ ސެކިއުރިޓީ ބެލެހެއްޓުމުގައި ކުރިން ޙަރަކާތްތެރިވެފައިވާ ވެގްނާ ގްރޫޕުގެ ލީޑަރު ޕޫޓިން އާއި ދެކޮޅަށް ނުކުމެއްޖެއެވެ.
އެގްރޫޕުގެ ހުރިހާ ހަނގުރާމަވެރިން އެނބުރި ރަޝިޔާއަށް ވަދެފައިވާކަމަށް އިއްޔެގެ ވަގުތެއްގައި ވަނީ ބުނެފައެވެ. ޕޫޓިންގެ ކައްކާގެ ގޮތުގައި މަޝްހޫރުވެފައިވާ ޔެވްގެނީ ޕްރިގޯޜިން އަކީ އަމިއްލަ ހަނގުރާމަވެރި ގުރޫޕެއް ހިންގުމުގެ އިތުރުން ރެސްޓޯރެންޓް ވިޔަފާރީގައި ވެސް ޙަރަކާތްތެރިވާ މީހެކެވެ.
މި ގްރޫޕުން ޔޫކްރޭންގެ އެތެރޭގައި ހަނގުރާމަކޮށް ރަޝިޔާއަށް މީގެ ކުރިން ވަނީ ބޮޑެތި ކާމިޔާބީ ތަކެއްވެސް ހޯދައިދީފައެވެ. ވެގްނާއާއި ރައީސް ޕޫޓިން އާއިމެދު ޚިޔާލު ތަފާތުވުންތައް އުފެދި އެފަރާތުގެ ހަނގުރާމަވެރިންނަށް ރަޝިޔާގެ އަސްކަރިއްޔާއިން ޙަމަލާ ދީފައިވާ ކަމަށް ވެސް އެގުރޫޕުން ވަނީ މީގެ ކުރިން ތުހުމަތު ކޮށްފައެވެ.
މިހާރު ރަޝިޔާގެ އެތެރޭގައި މި ގްރޫޕުން ޙަރަކާތްތެރި ވަމުންދާ ކަމަށާއި އެފަރާތްތަކުން ދަނީ ކާމިޔާބީތައް ހޯދަމުންކަމަށް މީޑިއާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިން ރޮސްޓޯވް-އޮން-ޑޯން ސިޓީގައި ޙަރަކާތްތެރި ވަނީ 24 ޖޫން 2023
މިވަގުތުގެ ޙާލަތާއި ބެހޭގޮތުން ޕޫޓިން މަޢުލޫމާތު ދެއްވާފައި ވާކަމަށާއި، ޕްރިގޯޜިންގެ މި ޢަމަލަކީ ޚިޔާނާތްތެރި ވުންކަމަށް ޕޫޓިން ސިފަ ކުރައްވާފައި ވާކަމަށް ބެލްރޫސް ސަރުކާރާއި ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ. ދެކޮޅުވެރިވި ކޮންމެ މީހަކަށް ހަރުކަށި އަދަބު ދެއްވާނެކަމަށް ޕޫޓިން ވަޢުދު ވެވަޑައިގެންފައި ވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

