22 ޖޫން ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙާއި ބައްދަލުކުރެއްވުމަށް އިދިކޮޅު ލީޑަރޝިޕުން ވަޑައިގަތުމަށްފަހު، ރައީސް އޮފީހުން ނިކުމެވަޑައިގެންނެވި ވަގުތު އެތަނުގައި ތިބި ޕީޕީއެމް ސަޕޯޓަރުންގެ ތެރެއިން ހައްޔަރުކުރި ނާއިލް ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ހުރި އިރުވެސް އެކިކަހަލަ އަނިޔާ ލިބޭކަމަށް ތުހުމަތު ކުރައްވާ ނާއިލް އަށް އަވަސް ބޭސްފަރުވާ ލިބެންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ނާއިލް ހައްޔަރު ކުރުމުގައި ފުލުހުންގެ ފަރާތުން އަނިޔާލިބިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. މިއާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ މުއައްސަސާ އަށް އަމާޒުވެފައިވާއިރު، މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އެެހެންނަމަވެސް މިހާތަނަށް ފުލުހުން މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މީގެ އިތުރުން މުޢިއްޒު ވިދާޅުވީ ނާއިލް ބަންދުގައި ބެހެއްޓުމަށްފަހު އޭނާއަށް ލިބެމުންދާ ލާއިންސާނީ ޖިސްމާނީ އަނިޔާތަކުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، ކަމާބެހޭ ފަރާތްތަކުން މިމައްސަލަ ވަރަށް ސީރިއަސްކަމާއިއެކު ބަލައި، ނާއިލްއަށް އަވަސް ބޭސްފަރުވާއާއި، އިންސާފުވެރި އަދި އިންސާނީ ފަރުވާ ލިބޭނެކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.
ނާއިލް ހައްޔަރު ކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުގެ ވީޑިއޯ ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ހައްޔަރު ކުރަން އުޅުމުން ނާއިލް ބިންމަތީގައި އިށީނދެއެވެ. އަދި ފުލުހުންގެ ދެ އޮފިސަރުން އޭނާގެ ދެ އަތުގެ ކުޑަހުޅު ލަންބައި ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާ މަންޒަރު މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ.
އެއާއިއެކު އެވަގުތު އެތަނުގައި އެއްވެފައި ތިބި މީހުން އޭނާގެ އަތް ބިދިދާނެކަމަށް ބުނެ އެ ފުލުސް އޮފިސަރުން ކިބައިން އޭނާގެ އަތުން ދޫކޮށްލަން އާދޭސްކުރުމުންވެސް ކުޑަހުޅު ލަންބައި އިތުރަށް ބާރަށް ލަންބަމުންދިޔަ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ނާއިލް އަކީ މީގެ ކުރީގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދެ އަތް ބިނދި ވާއަތުގެ ކުޑަހުޅަށް ދަގަނޑު ލައްވާ ސާޖަރީއެއް ކޮށްފައިވާ ޒުވާނެއްކަމަށް މަޢުލޫމާތު ލިބެއެވެ. އެހެން ކަމުން ފުލުހުން އެފަދައިން ނާއިލްގެ އަތުގެ ކުޑަހުޅުން ލަންބައި އަތަށް އަނިޔާކުރުމުން އެޅި ވޭނުގައި އޭނާ ރޮއި ހަޅޭއްލެވި ނަމަވެސް ފުލުހުންގެ އޮފިސަރުން އޭނާގެ އަތަށް ދޫ ނުދީ އޭނާ ދަމާކޫއްތާފައި ފަދަ ގޮތަކަށް ގެންގޮސް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔައެވެ.
އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމުގެ ކަންބޮޑުވުން އިދިކޮޅުންދަނީ ފާޅުކުރަމުންނެވެ.

