އައިޖީއެމްއެޗް ކައިރީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެޝިންތަކުގެ ތެރެއިން މެޝިނެއް ފަޅާލާ ލިބުނު ގެއްލުމުގެ ސަބަބުން އޭޓީއެމްގެ ޚިދުމަތް މެދުކެނޑިފައި ނުވާ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްގެ އޭޓީއެމް މެޝިންތަކުގެ ތެރެއިން 1 މެޝިނަށް ގެއްލުންދީފައިވާ މައްސަލަ ރޭ ފަތިހު 05:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.
މި ހާދިސާ އާއި ގުޅިގެން ބީއެމްއެލް އިން ބުނީ އޭޓީއެމް އަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ގެންގޮސްފައި ނުވާ ކަަމަށެވެ. އަދި އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުންދާއިރު އޭޓީއެމްގެ ޚިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ޤާއިމްކޮށްފައިވާ ޚިދުމަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އޭޓީއެމްއަށް ގެއްލުންވެފައި ވަނީ ވަރަށް ކުޑަކޮށްކަން ފާހަގަކުރަމުން ބީއެމްއެލް އިން ބުނީ އޭޓީއެމްއަށް ވެފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
އައިޖީއެމްއެޗްގެ އޯޕީޑީ ފަޅީގައި ބީއެމްއެލްގެ ތިން އޭޓީއެމް މެޝިން ބަހައްޓާފައި ހުންނައިރު 3 މެޝިންގެ ތެރެއިން ގެއްލުން ދީފައިވަނީ މެދުގައި ހުރި އޭޓީއެމްއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހިމެނޭ ސަރަޙައްދަކީ 24 ގަޑިއިރު ދިވެހި ފުލުހުންގެ ޚިދުމަތުން ސެކިޔުރިޓީ ބަލަހައްޓާ ސަރަޙައްދެކެވެ. އެހެންނަމަވެސް މިފަދަ ކަމެއް ހިނގާފައިވަނީ ސެކިޔުރިޓީއަށް އެނގިގެން ކަމެއް ނުވަތަ ނޭނގި ކަމެެއްވެސް މިހާތަނަށް ސާފުވެފައެއްނުވެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންބުނީ އެ މައްސަލަ ފުލުހުންތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

