ސަރުކާރު ހިމެނޭ ކޯލިޝަން އެމްއާރްއެމްއާއެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމާއި ޚިލާފަށް، އެމްއާރްއެމްގެ ސްލޮޓުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރގެ މަޤާމް ފުރުއްވަމުން ގެންދެވި އިސްމާއިލް ޒަބީހު ވަކިކުރުމުން އެމްއާރްއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ޒަބީހު ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.
ޒަބީހު އަކި ތަޢުލީމީ އަދި ޤާބިލު ބޭފުޅެއްކަމާއި، ކުއްލިއަކަށް ޒަބީހު މަޤާމުން ވަކިކޮށްފައިވާ ގޮތާއިމެދު އެމްއާރުއެމްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއާއިއެކު ޒަބީހު މަޤާމުން ވަކިކުރަންޖެހޭވަރުގެ އަމަލެއް ކޮށްފައިނުވާނެކަމަށާއި، ޒަބީހުއަކީ ހަވާލުކުރެއްވި މަޤާމްގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެއް ކަމަށްވެސް އެޕާޓީގެ ނޫސްބަޔާނުގައިވެއެވެ.
އެގޮތުން ފާއިތުވި 4 އަހަރާއި 4 މަހުގައި ޒަބީހު ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތައް އެމްއާރްްއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ތައުލީމީ ޤާބިލް ޒުވާނުން ޤައުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ދިނުމަކީ އެމްއާރްއެމް އިން ނުހަނު އިސްކަމެއްދޭކަމަކަށް ވާއިރު، ޒަބީހު ފަދަ ޚިދުމަތްތެރި ޒުވާނަކު މަޤާމުން ވަކިކުރެއްވުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
https://twitter.com/MRM_Office/status/1672299162208174081?s=20މީގެ އިތުރުން އެމްއާރުއެމް އާއި މަޝްވަރާ ކުރުމެއްނެތި އަދި ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ކޯލިޝަން އެގްރީމެންޓާއި ޚިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ އެމްއާރްއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިޔާސީ މަޤްސަދު ހާސިލުކުރެވޭނެކަމަށް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުން ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަޤާމު ދިނުމަކީ ޤައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައި އެމްއާރްއެމް އިން ދެކޭ ކަމަށްް އެ ޕާޓީއިން ނެރުނުރު ބަޔާނުގައި ވަނީ ބުނެފައެވެ.

