ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވުމުން އެކަމާ ގާސިމް ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ ތިން ބާރުން ރައްޔިތުންގެ މަޖިލީުގައި ޑެޑް ލޮކް އެޅުވުމުން ދެން އިތުރަށް ދަށްކަންޖެހޭ ވާހަކައެއް ނެތް ކަމަށެވެ.
އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަސްލަމް ވިދާޅުވި ގޮތަށް އިތުބާރު ނެތުމުން އިތުބާރު ނެތިގެންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ އިތުބާރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ މައްޗަށް އޮތް މިންވަރާއި މެދު ޖުމްހޫރި ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ ސުވާލކު އުފައްދަވާފައެވެ.
މީގެ އިތުރުން ވާވެއްދިފަޅު ވިއްކުން ހުއްޓުވި މައްސަލަ ފާހަގަކުރައްވައި ގާސިމު ވިދާޅުވީ، އެ މައްސަލައަކީ ސުޕްރީމް ކޯޓުންނާއި އޭސީސީންވެސް ނިމިފައި އޮތް މައްސަލައެއް ކަމަށާއި އެހެންކަމުން އެކަމެއް ރައީސުލްޖުމްހޫރިއްޔާ އަކަށްވެސް އަދި ރައްޔިތުންގެ މަޖިލީހަކަށްވެސް ނުހުއްޓުވޭނެ ކަމަށެވެ.
"މިވަރުގެ ޖަރީމާ ހިންގީމާ ކަމަކު ނުދޭ. އިޓް އިސް ޓޫ މަޗް. އިޓްސް މޯ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މިބުނީ. ކަނޑާލަންވީ ގެއަށް،" ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ކޮންމެ ސަރުކާރެއް އަޔަސް އެމަނިކުފާނު ޖަލަށް ނުލައި ފަރުނުޖައްސާނެ ކަމަށާއި، އަދި އެއީ އަބަދުވެސް ތެދަށް ކަންތައްތަކާއި ބެހޭ ގޮތުން ތެދަށް ވާހަކަ ދައްކަވާތީ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާއަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގައެވެ. ނަމަވެސް ރަށް ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ވިލާ އަތުން ވާވެއްދިފަޅު ހިމެނޭހެން އިތުރު ހަތަރު ރަށެއް ވަނީ އަތުލާފައެވެ.
އެެ މައްސަލަ ވިލާގެ ފަރާތުން ކޯޓަށް ވެއްދުމުން ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އޭގެ ފަހުންވެސް އޭސީސީން އެ ފަޅުގެ މައްސަލަ ބެލި އެވެ. އެކަމަކު، އެ ކޮމިޝަނުން އޭރު ނިންމީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށެވެ.

