ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިންގެ ވެރިކަން ވައްޓާލުމަށް ބަރުހަތިޔާރާއި އެކު މަސައްކަތް ކުރަމުންދިޔަ ވެގްނާ ގުރޫޕުން މޮސްކޯއާއި ވަރަށް ގާތްވެފައި ވަނިކޮށް އެކަން ހުއްޓާލައިފިއެވެ.
ރަޝިޔާގެ ވެރިކަން ބަދަލުކޮށްލުމަށް މަސައްކަތް ކުރަމުންދިޔަ ވެގްނާ ގްރޫޕުން ބުނެފައިވަނީ މިއީ "ލޭ އޮހޮރުވުން" ތަކަކަށް ޖާގަ ނުދިނުމަށް ކުރިކަމެއް ކަމަށެވެ.
އިއްޔެ ފެށުނު ވެގްނާ ގުރޫޕުގެ ޙަރަކާތްތަކުގައި އެފަރާތުން ވަނީ ރޮސްޓޯވް ސިޓީ ހިފާފައެވެ. އެއަށްފަހު ބަރުހަތިޔާރާއި އެކު އެފަރާތުން ވަނީ ވެރިރަށް މޮސްކޯ އާއި ދިމާއަށް މިސްރާބު ޖަހާފައެވެ.
އެހެނަސް މޮސްކޯއާއި ވަރަށް ގާތްވެފައި ވަނިކޮށް އެފަރާތުގެ ނިންމުން ބަދަލުކޮށް ވެގްނާ ގްރޫޕުގެ ހަނގުރާމަވެރިން ރޮސްޓޯވް ދޫކޮށް އެމީހުންގެ އުޅަނދުތަކުގައި ގާ މަންޒަރު ފެނިފައި ވާކަމަށް ރޮއިޓާސްއިން ވަނީ ބުނެފައެވެ.
24 ގަޑިއިރުގެ ތެރޭގައި އަހަރެމެންނަށް މޮސްކޯއާއި 200 ކިލޯމީޓަރު ކައިރިއަށް ދެވުނު. އަދި އެވަގުތުގެ ތެރޭގައި އަހަރުމެންގެ އެންމެ ހަނގުރާމަވެރިއެއްގެ، އެންމެ ލޭ ތިއްކެއް ވެސް އޮހޮރިފައި ނުވޭ.
ޢާއްމުވެފައިވާ ވީޑިއޯއެއްގައި ވެގްނާ ގުރޫޕުގެ ވެރިޔާ ޕްރިގޯޜިން ބުނެފައިވެއެވެ.
މި ގްރޫޕުން ޔޫކްރޭންގެ އެތެރޭގައި ހަނގުރާމަކޮށް ރަޝިޔާއަށް މީގެ ކުރިން ވަނީ ބޮޑެތި ކާމިޔާބީ ތަކެއްވެސް ހޯދައިދީފައެވެ. ވެގްނާއާއި ރައީސް ޕޫޓިން އާއިމެދު ޚިޔާލު ތަފާތުވުންތައް އުފެދި އެފަރާތުގެ ހަނގުރާމަވެރިންނަށް ރަޝިޔާގެ އަސްކަރިއްޔާއިން ޙަމަލާ ދީފައިވާ ކަމަށް ވެސް އެގުރޫޕުން ވަނީ މީގެ ކުރިން ތުހުމަތު ކޮށްފައެވެ.

ވެގްނާ ގުރޫޕުގެ ހަނގުރާމަވެރިން ރަޝިޔާއިން ފައިބަނީ
ވެގްނާ އާއި ރަޝިޔާގެ މައްސަލަ ހަމައަކަށް އެޅުވުމަށް ބެލަރޫސް އިން ވެސް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. "ޕްރިގޯޜިން ވަނީ މިހާރު ރަޝިޔާގެ ހުރިހާ ސަރަޙައްދުތަކެއްގައި އެ ގުރޫޕުގެ ޙަރަކާތްތައް ހުއްޓާލުމަށް އެއްބަސްވެފަ." ބެލަރޫސްގެ ރައީސްގެ އޮފިޝަލް ޓެލެގްރާމް ޗެނަލްގައި ބުނެފައިވެއެވެ.
މިކަން ފަހުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ކްރެމްލިން އިން ހާމަކުރިގޮތުގައި ޕްރިގޯޜިން އާއި ދެކޮޅަށް އެފަރާތުން އުފުލާފައިވާ ހުރިހާ ދަޢުވާތަކެއް ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އަދި ބަދަލުގައި ހަނގުރާމަވެރިންނާއިއެކު ބެލަރޫސްއަށް ދިއުމަށް ޕްރިގޯޜިން ވަނީ އެއްބަސްވެފައެވެ.

