ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ޖާބިރު އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޭނާގެ ފޯމާއި ހަވާލުވެ ވަޑައިގެންފައިވަނީ އެމްޑީޕީގެ އިސް ލީޑަރ، އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެވެ.
އެމްޑީޕީއާއި ގުޅުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރައިސް އިބްރާހިމް މުހައްމަދު ޞާލިހްއަށް މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޖާބިރުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށާއި އޭނާއަކީ ޒުވާނުންގެ ލީޑަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑަށް 100 ޕަސެންޓް ޔަގީން މި އިންތިހާބު [ރައީސަށް] ކާމިޔާބުވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން.” ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ އެމްޑީޕީގެ މި ވެރިކަމުގައި ރާއްޖެއަށް ތަރައްގީ ގެނެސްފައިވާ ކަމަށާއި، އެ ގޮތުން ރާއްޖޭގެ ކޮންމެ ރަށަކީވެސް ފަތުރުވެރި ރަށެއްކަމަށް ޖާބިރު ވިދާޅުވިއެވެ.
އެމްޑިޕީއާއި ގުޅިވަޑައިގަތުމުގެ ކުރިން ޖާބިރު ހުންނެވީ ޑީއާރުޕީގައެވެ. ގާނޫނުގައި ބުނެފައިވާ އަދަދަށް މެމްބަރުން ހަމަނުވުމާ ގުޅިގެން ޑީއާރުޕީވަނީ އުވާލާފައެވެ. މީގެ އިތުރުން ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއިރު، ދިޔައީ ގްރީން ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުންންވެ. އަދި އީސީންވަނީ އެ ޕާޓީ އުފެއްދުމަށް ހުއްދަވެސް ދީފައެވެ. ނަމަވެސް އެ ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅާފައެއް ނުވެއެވެ.

