ޕީޕީއެމް- ޕީއެންސީ އަދި ރައީސް ނަޝީދުއަށް ތާއިދުކުރާ ފަރާތްތައް އުފެއްދުމަށް މަސައްކަތްކުރާ “ދަ ޑިމޮކްރެޓްސް” ގުޅިގެން ވެރިކަން ބަދަލުކުރުމަށްޓަކާ މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
މި ކަމާއި ގުޅިގެން މި ތިން ޕާޓީއިން ވަނީ މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން ސަރުކާރު ބަދަލުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިއަދު ބޭއްވި ބައްދަލުވުމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީީސް، އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ޑިމޮކްރެޓްސްއާއެކު ކުރާ މަޝްވަރާތައް ބާރަށް ކުރިއަށް ގެންގޮސް، ދެ ފަރާތުން މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެބޭފުޅުން އެކުގައި މަސައްކަތްކުރާއިރު އެއްބަޔަކު އަނެއްބަޔަކަށް ގަބޫލުކުރާ ކަންތައްތަކަށް އުނިކަން ނަ އަންނަ ގޮތަށް އެއްބަސްވުން އެކުލަވާލަން ޖެހޭ ކަމަށެވެ. އެގޮތުން ޕީޕީއެމްއާއި ޕީއެންސީގެ އެއްވެސް އަސާސަކަށް އުނިކަން އަންނަ ފަދަ ގޮތަކަށް އެބޭފުޅުން އެއްބަސް ނުވާނެ ކަމަށެވެ.
އަދި އަމާޒަކީ ކުރިއަށް އޮތް ތަނުގައި ޑިމޮކްރެޓްސްއާއިއެކު ހަފްތާއަކު ތިން ބައްދަލުވުން ބޭއްވުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑުމެން މި ވާހަކަ ދެއްކީ، އަޅުގަނޑުމެންގެ މައިގަނޑު ބޭނުން، އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ ކޮބައިތޯ؟ އެއީ މި ވެރިމީހާ ބޭލުން. މި ވެރިމީހާ ބާލަން އަޅުގަނޑުމެން ކުރެވޭނެ މަސއްކަތްތަކަކީ ކޮބައިތޯ؟” ޝިޔާމް ވިދާޅުވިއެވެ.
މި ނޫޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު، އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޢަލީ ޢާޒިމް ވެސް ފާހަގަކުރެއްވީ، ޕީޕީއެމް-ޕީއެންސީއާ ގުޅިގެން ވިޔަސް، ވެރިކަން ބަދަލު ކުރުމުގެ އަމާޒަށް ވާސިލުވާން ޑިމޮކްރެޓުން ބޭނުންވާ ކަމެވެ.

