އެމްޑީޕީއާއި އެ ޕާޓިގެ މެމްބަރުން އަބަދުވެސް ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
"އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން. މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު މި ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް." ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ޕާޓީ އުފެއްދި، އެމްޑީޕީގެ ބާނީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީޚހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ މި ސަރުކާރުން ކަންކަން ކުރައްވަމުން ގެންދަވާ ގޮތާއި މެދު ހިތްހަމަ ނުޖެހޭކަން ތަކުރާރުކޮށް ފާހަގަކުރައްވާފައި ވަނިކޮށެވެ. އަދި ކަންކަން އެފަދައިން ދާތީ، އެ ޕާޓީގައި ހުރުމަށް ދަތިވާކަމަށް ވެސް މީގެ ކުރިން ނަޝީދުވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީއިން ވަކިވި ކަން އަންގާ އެ ޕާޓީއަށް ނަޝީދު ފޮނުއްވި ސިޓީގައިވަނީ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ 13 މެމްބަރަކުވެސް ވަކިވެވަޑައިގެންފައިވެއެވެ.

