ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެ މަނިކުފާނަށް ސަޕޯޓްކުރާ މެމްބަރުންތައް އެމްޑީޕީއިން ވަކިވެވަޑައިގަތުމުން ކުރަން ޖެހުނު ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް ހުޅުވުނު ދޮރެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 18 އަހަރު ފުރުމާއި ގުޅިގެން އެ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް ދެއްވި ޚިތާބެއްގައި ނަޝީދުގެ ނަން ވަކިން ފާހަގަނުކުރައްވާ ވިދާޅުވީ އެއީވެސް ލިބުނު ފުން ތަޖުރިބާއެއް ކަމަށެވެ.
"އެއީ ވެސް ލިބުނު ފުން ތަޖުރިބާއެއް. މި ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް. އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު ޕާޓީގެ މެމްބަރުންނަށް މާ ބޮޑު. އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެ ޕާޓިން ބަޔަކު ވަކިވެގެން ދިޔުމުން އެ ހިތާމަ ހިތުގެ އެއް ފަޅީގައި ބަނދެގެން އެމްޑީޕީއިން ހިތާމަ ބަރުދާސްތު ކުރާ ކަމަށެވެ.
"ސިޔާސީ ހަލަބޮލިކަމާއި ދެބަސްވުމާއި ޒުވާބަކީ މުޅި އުމުރު އުފުލޭނެ ބުރައެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގެ އިހުސާސް މުޅި ރާއްޖޭގައި މިއަދު އެބަ ހިނގާ. އެތައް އަހަރަކުން ނުވެ ދިގުލި ކިތަންމެ ތަކުލީފެއްގެ ހައްލު 2018 ގައި އެމްޑީޕީން އުފެއްދި ވެރިކަމުން ރައްޔިތުންނަށް ލިބެން ފަށައިފި" މިސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރު ވިދާޅުވިއެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ޕާޓީ އުފެއްދި، އެމްޑީޕީގެ ބާނީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީޚހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ މި ސަރުކާރުން ކަންކަން ކުރައްވަމުން ގެންދަވާ ގޮތާއި މެދު ހިތްހަމަ ނުޖެހޭކަން ތަކުރާރުކޮށް ފާހަގަކުރައްވާފައި ވަނިކޮށެވެ. އަދި ކަންކަން އެފަދައިން ދާތީ، އެ ޕާޓީގައި ހުރުމަށް ދަތިވާކަމަށް ވެސް މީގެ ކުރިން ނަޝީދުވަނީ ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީއިން ވަކިވި ކަން އަންގާ އެ ޕާޓީއަށް ނަޝީދު ފޮނުއްވި ސިޓީގައިވަނީ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ 13 މެމްބަރަކުވެސް ވަކިވެވަޑައިގެންފައިވެއެވެ.

