ނޭޓޯގެ މެމްބަރަކަށް ވާން ބޭނުންނަމަ ސްވިޑަން އިން އެޤައުމުގައި އެއްވުންތައް ބާއްވަމުންދާ ކުރުދީން ހަމައަކަށް އަޅުވަން ޖެހޭކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދްޣާން ނޭޓޯގެ ސެކެޓްރީ ޖެނެރަލް އަށް ވިދާޅުވެއްޖެއެވެ.
ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސޮޓޯލްޓެންބާރގް އަށް އުރުދުޣާން މިހެން ވިދާޅުވެފައި ވަނީ އާދިއްތަދުވަހު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ. އުރުދުޣާން ވިދާޅުވީ، ކުރުދިސްތާނު ވޯކަރސް ޕާޓީ (ޕީ.ކޭ.ކޭ.) އަށް ތާއީދު ކުރާ މީހުން ސްވިޑަންގައި އެއްވުންތައް ބާއްވަމުން ދާއިރު އެޤައުމުން އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރާކަމަށެވެ.
އުރުދުޣާން އިތުރަށް ވިދާޅުވީ މިކަމާއި މެދު އަންކާރާއިން ވަރަށް އުއްމީދީ ނަޒަރަކުން ދެކުނު ނަމަވެސް، އެފަރާތުގެ އެދުމަށް ޓެރަރިޒަމް އާއި ދެކޮޅަށް ސްވިޑަން އިން ބަދަލު ކުރި ޤާނޫނުގައި އެއްވެސް މާނައެއް ނެތް ކަމަށެވެ. އެހެނީ ޕީ.ކޭ.ކޭ. އަށް ތާއީދުކުރާ މީހުން ދަނީ އަދިވެސް ސްވިޑަންގައި ތުރުކީ ސަރުކާރާއި ދެކޮޅު އެއްވުންތައް ބާއްވަމުންނެވެ.
ހުޅަނގުގެ އަސްކަރީ ގުޅުމެއް ކަމަށްވާ ނޭޓޯއާއި ގުޅުމަށް ސްވިޑަން އިން ކުރި މަސައްކަތަށް ތުރުކީން ދެކޮޅު ހެދުމުގެ ސަބަބަކީ ރައްކާތެރިކަން ކަށަވަރު ނުވުން ކަމަށް ވެސް އެޤައުމުން ވަނީ ބުނެފައެވެ.
އޭޕްރީލް މަހުގެ ތެރޭގައި ފިންލޭންޑުން ވަނީ ތުރުކީގެ އެއްބާރުލުމާއި އެކު ނޭޓޯގެ މެމްބަރަކަށް ވެފައެވެ. އެހެނަސް ތުރުކީން އަދިވެސް ދަނީ ސްވިޑަންގެ މެމްބަރު ކަމަށް ހުރަސް އަޅަމުންނެވެ.
ޖުލައި މަހުގެ މެދުތެރޭގައި ލިތުއޭނިއާގެ ވެރިރަށް ވެލްނީއަސްގައި ބާއްވަން ހަމަޖެހިފައިވާ ނޭޓޯގެ ބައްދަލުވުމަށް ވާއިރަށް ސްވިޑަން އަށް މެމްބަރުކަން ލިބިދާނެކަމަށް ސަރަޙައްދީ ޤައުމުތަކާއި ނޭޓޯއިން ވެސް ދަނީ އުއްމީދު ކުރަމުންނެވެ.
ތުރުކީގެ މަޖިލީހުން އެބޭފުޅުން ކުރައްވަން ޖެހޭ ކަންކަން ކުރައްވަންވީ ވަގުތު ޖެހިއްޖެ ކަމަށާއި، ސަބަބަކީ ސްވިޑަންއިން، އެފަރާތުން ތުރުކީއާއި އެއްބަސްވި ކަންކަން ކޮށްފައިވުން ކަމަށް ސްވިޑަންގެ ޚާރިޖީ ވަޒީރު ބުދަދުވަހު ވަނީ ވިދާޅުވެފައެވެ.
ސްވިޑަންއާއި ފިންލޭންޑް ނޭޓޯއިން ވަކިވެފައި ވަނީ ފާއިތުވި އަހަރުގެ ތެރޭގައެވެ. އެ ދެޤައުމުން ވެސް ނޭޓޯއާއި އަލުން ގުޅުމަށް ހުށަހަޅާފައި މިވަނީ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ފެށުމުންނެވެ.

