ތަރައްގީގެ މަޝްރޫއުތަކާއި ގޯއްޗާއިއެކު ބޮޑު އަޢުލަބިއްޔަތަކުން ކުރިއަށް އޮތް ރިޔާސީ އިނތިހާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކާމިޔާބު ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ނަމަވެސް އިއްޔެ ޢިއުލާންކުރި ގޯތި ލިބޭ މީހުންގެ ލިސްޓްއާއި އެކު ގިނަ ބަޔަކު އަންނަނީ ރައީސް ޞޯލިހްގެ ސަރުކާރަށް ފާޑުވިދާޅު ވަމުންނެވެ.
މިނިސްޓަރ އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 36 އަހަރުގެ ތެރޭގައި ހަތަރު ވެރިކަން ފެނިއްޖެ ކަމަށާއި ނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދެވުނީ މި ސަރުކާރަށް ކަމަށެވެ.
އަމީރު މިހެން ވިދާޅުވެފައިވަނީ ބިންވެރިޔާގެ ޕްރޮގްރާމްގެ ދަށުން 5،000 ގޯތި ދޭން ނިންމާފައި އެ ގޯތިތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 10،314 ފަރާތްތަކަށް ގޯތި ދޭން ނިންމިކަން ސަރުކާރުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.
އަދި ބާކީ ޝަަރުތު ހަމަވާ އެންމެންނަށްވެސް ގޯތި ލިބޭނެ މަގު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ދިމާވި އަދި ދިމާވަމުންދާ ދަތިތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދު ކޮޅަށްޖަހައި، ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންގޮސް، އަމާންކަމާއެކު މި ގައުމު ކުރިޔަށް މި ދަނީ ރައީސް ސޯލިހުގެ އިހުލާސްތެރިކަމާއެކު ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށް އަމީރް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ސޯލިހު ދެވަނަ ދައުރު ޔަގީންކުރާނީ ބޮޑު އަޣުލަބިއްޔަތަކާއެކު، އެއްބުރުން." އަމީރު ވިދާޅުވިއެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމު ކުރި ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއްޔެ ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ލިސްޓު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވިއެވެ.

