އިސްރާއީލުން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން، ވަޒަންވެރި ކުރުވަން އިސްރާއީލުން އަނެއްކާވެސް ނިންމައިފިއެވެ.
ކަނާތުފަޅީގެ ޙައްދުފަހަނަ އަޅާފައިވާ އިސްރާއީލު ސަރުކާރުގެ ޚާރިޖީ ވުޒާރާގެ ކޮމިޓީއިން އިއްޔެ ވަނީ 5000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެސަރަޙައްދުގައި އެޅުމަށް ފާސްކޮށްފިއެވެ.
ފަލަސްޠީނުގެ ކަމާއި ބެހޭ ފަރާތްތަކުން ދެކެނީ މިކަމަކީ ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް ފާޅުގައި އިޢުލާނު ކުރި ހަނގުރާމައެއް ކަމަށެވެ.
އިސްރާއީލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ޢާއްމުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުންނާއި، ޤަވާއިދާއި ޚިލާފަށް ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންދާތީ، އެފަރާތަށް އދ ގެ ފާޑުކިއުންވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިނިސްޓރީގެ މިނިންމުމަކީ އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށާއި، މިނސްޓްރީގެ ބަހެއް ލިބޭގޮތް ނުވުމުން މިގެތަކުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ދުވަހެއް އަދި ސާފު ނުވާކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ.
ބައިނަލްއަގުވާމީ މުޖްތަމަޢާއި ފަލަސްޠީނުންވެސް ދެކޭގޮތުގައި ހުޅަނގުއައްސޭރީގައި ޤަވާޢިދާއި ޚިލާފަސް ޔަހޫދީން ވަޒަން ވެރި ކުރުވުމަކީ ދެޤައުމުގެ ޞުލްޙައަށް އޮތް އެންމެ ބޮޑު ހުރަހެވެ.
އިސްރާއީލުން 1967 ގައި އަތްގަދަކޮށްފައިވާ އިރުމަތީ ޤުދުސް އާއި ހުޅަނގުއައްސޭރީގައި މިހާރުވެސް 700،000 (ހަތް ލައްކަ) އަށްވުރެ ގިނަ އިސްރާއީލު ރައްޔިތުން ދިރިއުޅެމުން ދާއިރު، މި ދެ ތަނަކީ ފަލަސްޠީނުން އެމީހުންގެ ވެރިރަށް ކަމުގައި ހެދުމަށް އުއްމީދު ކުރަމުންދާ ބިންތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

