މިހާތަނަށް ހޯދުނު އެންމެ ބޮޑު ބްލެކްހޯލް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ފަލަކީ ޢިލްމުވެރިން ވަނީ ހޯދާފައެވެ. މި ބްލެކްހޯލް، ހޯދިފައި މިވަނީ ގްރެވިޓޭޝަނަލް ލެންސިންގ ނުވަތަ ލައިޓް ބެންޑިންގ ގްރެވިޓީގެ އެހީގައެވެ.
ލައިޓް ބެންޑިން ގަރެވިޓީއަކީ ޖައްވުގައި ދަތުރުކުރާ އަލިރޮނގުތައް، ޖައްވުގައި ޙަރަކާތްތެރިވާ އެހެން އެއްޗެއްގެ ސަބަބުން ގުދުވާ ގުދުވުމަށް ކިޔާނަމެކެވެ.

ގްރެވިޓޭޝަނަލް ލެންސިންގ
އިނގިރޭސިވިލާތުގެ ޑުރަމް ޔުނިވާސިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ތަޙްލީލުތަކުގައި ގްރެވިޓޭޝަނަލް ލެންސިން ބޭނުންކޮށްގެން އާދަޔާއި ޚިލާފަށް ދުރުގައިވާ އެއްޗެއް ވަރަށް ގާތުން ފެންނާނެ ގޮތް އެފަރާތްތަކުން ވަނީ ހަދާފައެވެ. ފަލަކީ ޢިލްމުވެރިން ވަނީ، ސުޕަކޮމްޕިއުޓަރެއްގެ އެހީގައި ދުނިޔެއާއި އެތައް ސަތޭކަމިލިއަން އަލި އަހަރު ދުރުގައިވާ މި ބްލެކްހޯލްގެ ވަށައިގެން އަލިރޮނގުތައް ގުދުވަމުންދާ ގޮތް ބަލާފައެވެ.
2004 ވަނަ އަހަރު ގެލެކްސީ ސާރވޭއަކުން ނަގާފައިވާ ފޮޓޯތައް ބައްލަވަނިކޮށް ޑްރަމް ޔުނިވާސިޓީގެ ޕްރޮފެސަރ އަލަސްޓަރ އެޖް އަށްވަނީ ގްރެވިޓޭޝަނަލް ލެންސްގެ ސަބަބުން ޖައްވުގައި އުފެދިފައިވާ ގުދު އަލިރޮނގު ތަކެއް ފެނިފައެވެ. މި ތަޙުލީލުތައް ފެށުމުގެ އަސްލަކީ އެއީއެވެ. ފަލަކީ ޢިލްމުވެރިންގެ މިމަސައްކަތުން އެފަރާތްތަކަށް ފެނުނީ "ބޮޑު ސިންގާ" ބްލެކްހޯލެކެވެ. އޭގެ ބޮޑުމިން އަޅުގަނޑުމެންގެ ކައުނުގައިވާ އިރަށްވުރެ 30 ބިލިއަން ގުނަ ބޮޑުކަމަށް ވެއެވެ.
މިއީ، މި އުކުޅު ބޭނުން ކޮށްގެން ހޯދުނު ފުރަތަމަ ބްލެކް ހޯލެވެ. މިހާތަނަށް ހޯދިފައިވާ ބޮޑެތި ހުރިހާ ބްލެކް ހޯލްއަކީ ވެސް "އެކްޓިވް" ބްލެކް ހޯލަތައް ކަމަށާއި އެހެނަސް މިފަހަރު ހޯދިފައިވާ މި ބްލެކް ހޯލް އަދި އެކްޓިވް ނުވާކަމަށް މިކަމުގައި ޙަރަކާތްތެރިވި ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.
ބްލެކްހޯލް އަކީ ޖައްވުގައި ހުންނަ ޚާއްޞަ ޖާގަތަކެކެވެ. އެތަންތަނުގެ ޖާޒުބިއްޔަތު ވަރުގަދަވުމުގެ ސަބަބުން އެއާއި ކައިރިވާ އެއްވެސް އެއްޗަކަށް އެއިން ރެކެވޭ ގޮތެއް ނުވެއެވެ.
މިފަދަ އެކްޓިވް ބްލެކް ހޯލްތަކުގެ ތެރެއަށް ދަމައިގަންނަ އެކިއެއްޗެހި އޭގެތެރޭ އަނދައި ހުލިވެއެވެ. އަދި އެކަމުގެ ސަބަބުން ބްލެކްހޯލް އިން "އެކްސް-ރޭސް" ނަމަކަށް ކިޔާ ދޯދި ތަކަކާއި އިތުރު ރޭޑިއޭޝަން ޖައްވަށް ފޮނުވައެވެ.
މި ތަޙުލީލުތަކުގެ ނަތީޖާ 19 އަހަރަށްފަހު މިހާ ފޮނިގޮތަކަށް ފެނުމުން މިދާއިރާގައި އިތުރު ކުރިއެރުންތައް ލިބޭނެކަމުގެ އުއްމީދު ތަޖުރިބާކާރުންގެ މެދުގައި ވަރަށް ބޮޑަށް ވަނީ އާލާވެފައެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން ބްލެކްހޯލް ތައް އުފެދޭގޮތާއި މެދު އިތުރު ހޯދުންތަކެއް ހޯދޭނެކަމަށް ފަލަކީ ޢިލްމުވެރިން ދެކިލައްވައެވެ. އަދި މިއީ، އިތުރު ބްލެކްހޯލް ތައް ހޯދުމަށް ފަހިވެގެން ދިޔަ މަގެއް ކަމަށްވެސް އެފަރާތްތަކުން ދެކިލައްވައެވެ.

