އީދު ދުވަހު ގުޅުންތައް ބަދަހިކޮށް، ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ ތިބުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުން މިދާ އަޟްހާ އީދު ދުވަހާއި ގުޅިގެން އީދުގެ ތަހުނިޔާ ދިވެހި ރާއްޖޭގެ އެންމެހާ ފަރާތްތަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މުސްލިމުންނަށް ގާސިމްވަނީ އަރިސްކުރައްވާފައެވެ.
އީދު ތަހުނިޔާ ފޮނުއްވައި އެ މެސެޖްގައި ގާސިމް ވިދާޅުވީ ޙަސަދައާއި ނަފްރަތުން އެއްކިބާވެ، ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުވެ، އަޚުވަންތަކަމުގައި ދެމިތިބުމަށާއި، ރަޙުމަތްތެރިކަމާއި އޯގާތެރިކަމާއިއެކު އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށެވެ.
މީގެ އިތުރުން އީދުގެ އުފަލުގައި އެންމެން ބައިވެރިވެ، އިސްލާމީ ރިވެތި އަޚުލާގާއި މިންގަޑުގެ ތެރެއިން އުފާފާޅުކުރުމަށް ގާސިމް ފާހަގަކުރައްވާފައިވެއެވެ. އަދި މި އީދަކީ ދޭދޭ ފަރުދުންގެ ގުޅުން އިތުރަށް ބަދައިކޮށް އާއިލީ ގުޅުން ކުރިއަރުވައި އަމިއްލަ ނަފްސަށް ހެޔޮއެދޭފަދައިން އަނެކާގެ މަސްލަހަތާއި ހައްގުތަކަށް އިހުތިރާމްކުރުމަށް އިސްކަންދިނުމަށް ގާސިމް ވިދާޅުވިއެވެ.
މިއަދު ފާހަގަކުރަމުން މިދާ އަޟްހާ އީދު ދުވަހާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި އަދި އެންމެހާ މުސްލިމުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.
އެމަނިކުފާނު ފޭސްބުކްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާޅުވީ މިއަދު ދިރިއުޅުމުގެ އެންމެހައި ހާސްކަމުން ވީއްލި، ހިނިތުންވުމާއި އުފާވެރިކަމާއި އެކު އާއިލާއާއިއެކު ހޭދަކުރާ އީދަކަށް ހެދުމަށެވެ.
މީގެއިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޢީދުގައި އެކަކު އަނެކަކަށް މަޢާފުކޮށް، ހިތްހެޔޮ ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

