ފްރާންސްގެ ވެރިރަށް ޕެރިހުގެ ރަށްބޭރުގައިވާ ޓައުނެއްގެ 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖެހުމުން ފްރާންސް ރައްޔިތުން ރުޅިގަދަވެ މަގުތަކަށް ނުކުމެއްޖެއެވެ.
ޕެރިހުގެ ރަށްބޭރުގައި އޮންނަ ނަންޓޭރް ގައި މި ޒުވާނާގެ ގަޔަށް ފުލުހުން ބަޑިޖަހާފައި ވަނީ އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުމަށް ފުލުހުން އެންގުމުން އެކަމަށް ނުކިޔަމަންތެރި ވުމުން ކަމަށް ޚަބަރުލިބެއެވެ.
ފުލުހުންގެ މި ޢަމަލާއި މެދު ހިތްހަމަ ނުޖެހި މަގުތަކަށް ނިކުތް ޢާއްމު ރައްޔިތުންނާއި، ފުލުހުންނާއި މެދު ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ.
ކުލީ ކާރެއް ދުއްވަމުންދިޔަ މިޒުވާނާ ހުއްޓުވީ، ދުއްވުމުގެ އެތައް ޤަވާއިދަކާއި އޭނާ ޚިލާފުވުމުން ކަމަށް ސަރުކާރުގެ ވަކީލުން ވިދާޅުވެއެވެ.
ފަރާންސްގެ ނޫސް އެޖެންސީ އެއް ކަމަށްވާ އޭ.އެފް.ޕީ. އިން ޞައްޙަކަމަށް ބުނެފައިވާ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި ޒުވާނާއަށް ކާރު ހުއްޓުމަށް ފުލުހަކު އަންގަމުން ދިޔައިރު، އެހެން ފުލުހަކު ހުރީ އެޒުވާނާ އާއި ދިމާއަށް ބަޑި ދިއްކޮށްގެންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސްމީހާ އެޒުވާނާގެ ގަޔަށް ބަޑިޖަހާފައި ވަނީ ވަރަށް ގާތުންނެވެ. އެއަށްފަހު ކާރުގޮސް ތަނެއްގައި ޖެހޭ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
ޚާއްޞައެހީދޭ ފަރާތްތަކުން ޒުވާނާއަށް އަވަސްފަރުވާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެ ޒުވާނާ ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފައެވެ.

ފްރާންސްގެ ރަޔަޓް ފުލުހުން އެއްވުން ހުއްޓުވުމަށް މަސައްކަތް ކުރަނީ
މިކަމާއި ދެކޮޅުހެދުމަށް ނުކުތް ރައްޔިތުންވަނީ އެޤައުމުގެ ފުލުހުންގެ މަރުކަޒުގެ ކުރިމަތީގައި އިހްތިޖާޖު ކޮށްފައެވެ. އަދި ފަހުން މައްސަލަ ހޫނުވެ އެއްވުމުގެ ބައިވެރިން ވަނީ ކާރެއްގައި އަލިފާން ރޯކޮށްލައި، ބަސް ހުއްޓި ތަކަށް ގެއްލުންދީ، ގްރެނޭޑާއި، ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވުން ރޫޅާލަން މަސައްކަތް ކުރި ފުލުހުންނާއި ދިމާއަށް ފަޓާސްފަދަ ތަކެތި ރޯކޮށް އުކާފައެވެ.
މި ހަމަނުޖެހުންތަކުގައި 9 މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ. ބަޑިޖެހި ފުލުސް މީހާ ވެސް މިހާރުވަނީ ގަސްދުގައި މީހަކު މަރައިލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ.

